އަންހެނުންނަކީ ވަކި ކަންތައްތަކުން ބާކީ ކޮށްފައިތިބެން ޖެހޭ ބައެއް ނޫން ކަމަށް އެޕާޓީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ހަސަން ލަތީފް މިހެން ވިދާޅުވެފައިވަނީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، އަންހެން ދެ ފަނޑިޔާރުން ސުޕްރީމް ކޯޓަށް ގެނައުމަށް ރައީސް ލަފާ އެރުވުމަކީ އިސްލާމްދީނާ ޚިލާފު ކަމެއް ކަމަށް ބުނެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ހުށައެޅުއްވި ކުއްލި މައްސަލައަކަށް ބަހުސް ކުރައްވަމުންނެވެ.

ހަސަން ލަތީފް ވިދާޅުވީ ރާއްޖެއަށް ވުރެ ބޮޑު އިސްލާމީ ގައުމުތަކުގައި އަންހެނުން ފަނޑިޔާރުންނަށް އެބަ ތިބޭ ކަމަށެވެ.

"ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ، އެމްޑީޕީގެ ފިކުރަކީ އަންހެނުން ބާކީކުރާ ފިކުރެއް ނޫން ,ރައީސުލް ޖުމުހޫރިއްޔާ ލަފާ އެރުއްވި ދެ ފަނޑިޔާރުންނަކީ މީގެ ކުރިންވެސް ކޯޓުތަކުގައި ފަނޑިޔާރުކަން ކުރެއްވި ދެ ފަނޑިޔާރުން" ހަސަން ލަތީފް ވިދާޅުވިއެވެ.

މަޖިލީހުގައި މި މައްސަލައަށް ބަހުސް ކުރަމުން އެމްޑީޕީ މެމްބަރުން ވަނީ މިއީ މިމަޖިލީހުގައި މިފަދަ ޒަމާނެއްގައި ބަހުސް ކުރެވެން ޖެހޭ މައްސަލައެއް ވެސް ނޫން ކަމަށް ވިދާޅުވެފައެވެ.

"އާބާދީގެ ދެބައިކުޅަ އެއް ބަޔަކީ އަންހެނުން ކަމަށްވާއިރު އަންހެނުންނަކީ ވަކި ކަންތައްތަކުން ބާކީ ކޮށްފައިތިބެން ޖެހޭ ބައެއް ކަމަށް ގަބޫލު ނުކުރަން " ހަސަން ލަތީފް ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ދެ އަންހެން ބޭފުޅުން އައްޔަން ކުރަން އުޅޭތީ ރާއްޖޭގެ ގިނަ އަދަދެއްގެ އިލްމުވެރިން ވަނީ އަންހެނުން ފަނޑިޔާރުކަން ކުރުމަކީ ހަރާމް ކަމެއް ކަމަށާއި، އެ ނިންމުން ބަދަލު ކުރަން ރައީސް ސޯލިހަށް އިލްތިމާސް ކުރަމުންނެވެ.