ކަންނެލި ބޭނުމަށް ނިކުމެ އުޅުނު ދޯންޏެއްގައި ހުރި މީހަކު މިއަދު ކުއްލި ގޮތަކަށް މަރުވެއްޖެއެވެ.

މަރުވެފައި ވަނީ އއ. ތޮއްޑޫ ދޯންޏެއްކަމަށްވާ ނަސްރު2 ނަމަކަށް ކިޔާ ދޯންޏެއްގައި މަހަށް ނުކުމެ އުޅުނު 40 އަހަރުގެ ބިދޭސީއެކެވެ. އޭނާ މަރުވީ ހއ. ތުރާކުނާދިމާލު ބޭރުން މަސްވެރިކަން ކުރަމުން ދަނިކޮށެވެ.

"ވަގުތު"އަށް މައުލާތުމާތުދެމުން ތުރާކުނު ކައުންސިލްގެ ރައީސް ތޯހާ އަލީ ވިދާޅުވީ، އެ ދޯންޏަކީ 12 މީހުންނާއެކު މަސްވެރިކަމަށް ނުކުތް ދޯންޏެއް ކަަމަށާއި، އެ މީހާ މަރުވީ ތުރާކުނާ ދިމާ ހަ މޭލު ބޭރުން މަސްވެރިކަމަށް ނުކުމެ އުޅެނިކޮށް މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ކަަމަށެވެ.

ތޯހާ ވިދާޅުވީ، އޭނާ މަރުވީ މެއަށް ތަދެއް އަރައިގެން ކުއްލިއަކަށް ދޯނި ތެރެއަށް ވެއްޓުމުން އެރަށު ސިއްހީ މަރުކަޒަށް ގެންދިއުމުގެ ކުރިން ކަމަށެވެ.

"މެއަށް ތަދެއް އަރައިގެން ވެއްޓުނީ، ދެން 45 މިނިޓު ދުއްވާފައި އައިސް އެންމެ ކައިރީ ތުރާކުނު ވީމަ ތުރާކުނު ސިއްހީ މަރުކަޒާއި ހަމައަށް ގެންދިޔައިރު، އޮތީ ނިޔާވެފައި ކަމަށް ޑޮކްޓަރު ބުނަނީ". ތޯހާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި، އެ ދޯނި އެރަށަށް ބަނދަރަށް ލެފީ މިއަދު ހަވީރު 16:15 ހާއިރުއެވެ.