މާލެ އިން ފ. އަތޮޅަށް ދަތުރުކުރަމުން ދިޔަ ބޯޓަކުން ބައިމިލިއަނެއްހައި ރުފިޔާ ވަގަށް ނަގައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ފައިސާ ވަގަށް ނަގާފައި ވަނީ ފ. ބިލެއްދޫ "އެންދެރި" ބޯޓުގެ ކަބަޑެއް ފަޅާލައިގެން މިދިޔަ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

މިކަމާއި ގުޅޭގޮތުން "ނިލަންދެ" ނޫހުގައި ބުނެފައި ވަނީ، މިފައިސާތައް ވަގަށް ނަގާފައިވަނީ ހޯމަ ދުވަހުގެ ރޭ މާލެއިން ފުރައިގެން ފ. އަތޮޅަށް ކުރި ދަތުރުގައި ކަމަށެވެ. އަދި ފައިސާތައް ބަހައްޓާފައިހުރީ ބޯޓުގެ ކަބަޑެއްގައި ކަމަށާއި، އެކަބަޑު ހުންނާނީ ތަޅުލާފައި ކަމަށް، ބޯޓުން ވަހަކަ ދެއްކި ފަރާތަކާއި ހަވާލާދީ އެ ނޫހުގައި ބުނެފައި ވެއެވެ.

މި މައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅާފައި ވާއިރު، މައްސަލަ އާއި ގުޅިގެން އަދި މީހަކު ހައްޔަރެއް ނުކުރެއެވެ. ފުލުހުން ވިދާޅުވީ، މާލެ އިން ފުރައިގެން ބިލެއްދޫއަށް ދަތުރުކުރަމުން ދިޔަ ބޯޓަކުން 450،000 ރުފިޔާ ވަގަށްނަގައިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.