ހދ. އަތޮޅު ފޮލިސް ކޮމާންޑަރަކަށް ފުރަތަމަ ފަހަރަށް އަންހެން ފުލުހަކު އައްޔަންކޮށްފިއެވެ.

މި މަޤާމަށް އައްޔަންކޮށްފައި ވަނީ، ސަބް އިންސްޕެކްޓަރު އޮފް ޕޮލިސް އައިޝަތު ނިޝާ އަބުދުﷲ މުފީދެވެ.

ފުލުހުން ވަނީ ނިޝާ މި މަޤާމާއި ހަވާލުވެވަޑައިގަތުމުން އޭނާއަށް މަރުހަބާ ކިޔާފައެވެ. އެގޮތުން ނިޝާއަކީ ފުލުހުން ފަޚުރުވެރިވާ ފަދަ ފުލުހެއް ކަމަށާއި، މިއަހަރު ކުރީކޮޅު ބޭއްވި ފުލުހުންގެ ޖޫނިއާ އޮފިސާސް ކޯހުގެ އެންމެ ރަނގަޅު ބައިވެރިޔާ އަކީވެސް އޭނާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ނިޝާ ކުރިން މަސައްކަތް ކުރެއްވީ ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަން ޑިޕާޓްމަންޓް (އެސްއޯ) ގައި އާއި ސްޓްރެޓީޖިކް ޕްލޭނިންގ ޑިޕާޓްމަންޓްގެ އިތުރުން ޕޮލިސް އެކަޑަމީގައެވެ.

މީގެ ކުރިން ހދ. އަތޮޅު ޕޮލިސް ކޮމާންޑަރެއްގެ ގޮތުގައި ހުންނެވީ އިންސްޕެކްޓަރ އޮފް ޕޮލިސް ރަޖުނީ ޝުއައިބު އެވެ. އޭނާ ވަނީ އެ މަޤާމުގައި އެއް އަހަރުގެ ދައުރެއް އަދާކުރައްވާފައެވެ.

ޕޮލިސް ކޮމާންޑަރުންނަކީ ފުލުހުން ޚިދުމަތްދެމުންގެންދާ އަތޮޅުތަކުގައި ފުލުހުން ހިންގަމުންދާ އެންމެހާ ކަންކަން ރާވައި އިންތިޒާމްކޮށް މައްސަލަތައް ތަހުޤީޤު ކުރުމުގެ އެންމެ އިސް ފަރާތެވެ.