މިހާރު ކުރަމުންދާ ވިއްސާރާގައި ކަނޑުތައް ގަދަވެ، ވައި ގަދަވާނޭ ކަމަށް މޫސުމާއި ބެހޭ އިދާރާ އިން އިންޒާރު ދީފައިވާ މި ދަނޑިވަޅުގައި، މޫސުމަށް ސަމާލު ވުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.

ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވެފައިވާ ކަމަށާއި، ދެކުނުން އައްޑޫ އާއި ފުވައްމުލަކަށް ޔެލޯ އެލާޓް ނެރެފައިވާ ކަން ފާހަގަކޮށް ފުލުހުން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ ކަނޑުދަތުރު ކުރާ ފަރާތްތަކުން އެ ފަރާތްތަކިގެ ރައްކާތެރި ކަމަށް ހެދިފައި ހުރި ގާނޫނުތަކަށް ފުރިހަމަ އަށް ބޯލަނބަން ގޮވާލާ ކަމަށެވެ.

" ކަނޑުދަތުރު ކުރާ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބައި، ސަލާމަތީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ ޔަގީންކުރުމަށް މިފުރުސަތުގައި ހަނދާންކޮށްދެން. ވަކިން ހާއްސަކޮށް މުދާ އުފުލާ އުޅަނދުތައް ބަރުކުރުމުގައި ހުއްދަ ދީފައިވާ މިންގަނޑަށްވުރެ ބަރު ނުކުރުމަށާއި، ފަސިންޖަރުން އުފުލާ އުޅަނދުފަހަރުގައި ސަލާމަތީ އާލާތްތައް ފަސޭހައިން އަތުޖެހޭ ގޮތަށް ބެހެއްޓުމަށް އިލްތިމާސްކުރަމެވެ." ފުލުހުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

ކަނޑު ދަތުރު ކުރާ ފަރާތްތަކުގެ އިތުރުން މޫސުމަށް ސަމާލުވުމަށް ފުލުހުން ވަނީ އެއްގަމު އުޅަނދު ފަހަރު ދުއްވާ ފަރާތްތަކަށާއި، މަގުތައް ބޭނުން ކުރާ ފަރާތްތަކަށްވެސް ގޮވާލައި، ރައްކާތެރި ކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ނަސޭހަތްތެރިވެފައެވެ. މިގޮތުން ބާރު ސްޕީޑުގައި ވެހިކަލްތައް ނުދުއްވުމަށާއި، މިކަމުގެ ސަބަބުން އިޔާދަ ނުކުރެވޭ ފަދަ ގެއްލުމެއް ލިބިދާނޭ ކަމަށް ފުލުހުން ވިދާޅުވެއެވެ.

މަގުތައް މަތީ ފެން ބޮޑުވެފައި އޮންނަ އިރު ދިމާވާ އެންމެ ބޮޑު އެއް ކަމަކީ އުޅަނދުތައް ދުއްވާ ފަރާތްތަކުން ހިނގާ މީހުންނަށް ނުބަލައި އެމީހުން ގަޔަށް ފެންބުރާ ގޮތަށް ދުއްވުން ކަމުގައި ވާއިރު، މިހެން ކަންތައް ނުކުރުމަށްވެސް ފުލުހުންގެ ބަޔާނުގައި ވެއެވެ.

މޫސުން ގޯސްވާ ވަގުތުތަކުގައި ކުރާ ދަތުރުތައް ފެށުމުގެކުރިން އެދަތުރާބެހޭ މައުލޫމާތު ކޯސްޓްގާޑަށާއި ފުލުހުންނަށް ހިއްސާ ކުރެއްވުމަށްވެސް ނަސޭހަތްތެރި ވެފައި ވާއިރު ކޯސްޓާގުގެ ހިލޭ ގުޅޭ ނަމްބަރަށް 191 އަށް ގުޅައިގެން މިކަން ކުރެވޭނެއެވެ.