ލ. ގަމު ފިހާރައެއްގެ ސޭޓަށް ވަޅިން ބިރު ދައްކައިގެން ފައިސާތަކެއް ފޭރިގަތް މައްސަލާގައި އިތުރު މީހަކު ހައްޔަރުކޮށްފިއެެވެ.

ގަމު މުކުރިމަގު ފިހާރައަކަށް މީހަކުވަދެ ފިހާރައިގެ ކައުންޓަރުގައި އިން ކުއްޖާއަށް ވަޅިން ބިރުދައްކައި ވަތްގަނޑުގައި ހުރި ފައިސާ ފޭރިގަތީ މިއަދު ހަވީރުއެވެ. އެމައްސަލައިގައި ފުރަތަމަ ހައްޔަރު ކުރީ 28 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކުރީ މިރޭ 18:35 ހާއިރު އެވެ.

ފުލުހުން ވިދާޅުވީ އެމައްސަލައިގައި 49 އަހަރުގެ ދިވެހި ފިރިހެނަކު ވެސް މިހާރު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ވަޅިން ސޭޓަށް ބިރު ދައްކާ ފިހާރައިގެ ވަތްގަނޑުން ފޭރިގެންފައިވަނީ ގާތްގަނޑަކަށް 4000 ރުފިޔާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފަހަކަށް އައިސް މާލެ އާއި ރާއްޖޭގެ އެކި ރަށްރަށުގައި ފޭރުމާއި، ވައްކަން ކުރުން ވަނީ އިންތިހާއަށް އިތުރުވެފައެވެ.