މާދަމާ ފެށުމަށް ހަމަޖެހިފައިވާ އޭޝިއާގެ ގައުމުތަކުގެ ގާނޫނު ހަދާ މަޖިލީހުގެ އިސް ބޭފުޅުންގެ ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް މި ސަރަހައްދުގެ ގާނޫނުހަދާ މަޖިލިސްތަކުގެ އިސް ބޭފުޅުން ރާއްޖެ ވަޑައިގެންފިއެވެ.

ދެދުވަހުގެ މުއްދަތައް ކުރިއަށް ގެންދާ ސަސްޓެއިނަބްލް ޑިވެލޮޕްމެންޓް ގޯލްސް ހާސިލް ކުރުމާ ގުޅޭ މަޝްވަރާތަކާއެކު ކުރިއަށްގެންދާ މި ސަމިޓް އޮންނާނީ މާލޭގައެވެ.

ސައުތް އޭޝިއަން ސްޕީކާސް ސަމިޓްގައި ބައިވެރިވެވަޑައިގަންނަވަން އަފްޣާނިސްތާނުގެ މަޖިލީހުގެ ރައީސް ރަހްމާން ރަހްމީ އާއި އިންޑިއާގެ މަޖިލީހުގެ ތިރިގެ، ލޯކް ސަބާގެ ރައީސް އޯމް ބިރްލާ އާއި، އެ މަޖިލީހުގެ ޑެޕިއުޓީ ޗެއާމަން ހަރިވާންޝް ވަނީ މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފައެވެ.

މީގެ އިތުރުން ބަންގްލަދޭޝްގެ ގާނޫނުހަދާ މަޖިލީހުގެ ރައީސް ޑރ. ޝިރިން ޝަރްމިން ޗޯންދަރީ، ބޫޓާންގެ ގާނޫނުހަދާ މަޖިލީހުގެ ރައީސް ވަންގްޗުކް ނަމަގްޔާލް، ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ ނައިބު ރައީސް މުހައްމަދު ގާސިމް ހާންގެ އިތުރުން ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ކަރުނަރަތްނެ ޖަޔަސުރީ ވެސް މިއަދު ރާއްޖެ ވަޑައިގަންނަވާނެއެވެ.

މިއީ ސައުތު އޭޝިއަން ސްޕީކާސް ކޮންފަރެންސް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ. މިއީ މިފަދަ ހަތަރުވަނަ ކޮންގްރެސްގައެވެ. މި ކޮންގްރެސްގައި ރާއްޖެ ތަމްސީލް ކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.