އަންނަ އަހަރު އޮންނަ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކޮލިފިކޭޝަންގައި ރޭ ކުޅުނު މެޗުތަކުން ޔޫރަޕްގެ ގަދަ ބާރުތައް ކަމަށްވާ ސްޕެއިން އާއި އިޓަލީ މޮޅުވެއްޖެ އެވެ.

މުހިއްމު ގިނަ ކުޅުންތެރިންނާއި ނުލައި ނިކުތް ސްޕެއިން ވާދަކުރީ ފަރޯ އައިލޭންޑްސް އާއެވެ. ފަސޭހަކަމާއެކު 4-0ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށް ސްޕެއިން އިން ވަނީ ގްރޫޕްގެ އެފްގެ އެއްވަނައިގައި ދަމަހައްޓަމުން އަންނަ ސައްތައިގެ ރެކޯޑު ދަމަހައްޓާފަ އެވެ. މިހާތަނަށް ކުޅުނު ހަ މެޗުވެސް ކާމިޔާބުކޮށް ލިބުނު 18 ޕޮއިންޓާއެކު ގްރޫޕްގެ އެންމެ ކުރީގައި ހަމަޖެހިލައިގެން ސްޕެއިން އޮތްއިރު ދެވަނައިގައި 11 ޕޮއިންޓާއެކު އޮތީ ސްވިޑަން އެވެ. 10 ޕޮއިންޓް ހޯދައިގެން ތިންވަނައިގައި އޮތީ ރޫމޭނިއާ އެވެ.

ސްޕެއިން އާއި ފަރޯ އައިލޭންޑްސް ބައްދަލުކުރި މެޗުގައި ލަނޑުތައް ކާމިޔާބުކޮށްފައިވަނީ ވެލެންސިއާ އަށް ކުޅެމުން އަންނަ ރޮޑްރީގޯ މޮރޭނޯ އާއި ޑޯޓްމައުންޑްގެ ފޯވަޑް ޕާކޯ އަލްކާސާ އެވެ. މި އިން ކޮންމެ ކުޅުންތެރިއަކުވެސް ދެ ލަނޑު ޖަހާފައިވާއިރު ޕާކޯ ވަނީ މިދިޔަ ބުރާސްފަތި ދުވަހު ރޫމޭނިއާ އަތުން ހަނިގޮތަކަށް ސްޕެއިން މޮޅުވި މެޗުގައިވެސް ލަނޑެއް ޖަހާފަ އެވެ.

ޔޫރޯ ކޮލިފިކޭޝަންގައި ރޭ އިޓަލީވެސް ވަނީ އެޓީމު ކުޅުނު މެޗު ކާމިޔާބުކޮށް ގްރޫޕް ޖޭގެ އެންމެ ކުރީގައި ހަ ޕޮއިންޓުގެ ލީޑެއް ނަގާފަ އެވެ. އިޓަލީ އިން ވަނީ އެޓީމް ކުޅުނު ހަ މެޗު ވެސް ކާމިޔާބުކޮށްފަ އެވެ. ގްރޫޕްގެ ޖޭގެ ދެވަނައިގައި އޮތީ ބާރަ ޕޮއިންޓާއެކު ފިންލޭންޑެވެ. އަދި ތިންވަނައިގައި އޮތީ ނުވަ ޕޮއިންޓާއެކު އަރްމޭނިއާ އެވެ.

އިޓަލީ އާއި ފިންލޭންޑް ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފްގައި ދެޓީމްގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ އިރު އެ ހާފު ނިމިގެންދިޔައީ އެއްވެސް ޓީމަށް ލަނޑެއް ނުޖެހި އެވެ. މެޗުގެ ދެވަނަ ހާފުގައި އިޓަލީން އެޓީމުގެ ގޭމްޕްލޭން ބަދަލުކޮށް އެޓޭކިންގް ފުޓްބޯޅަ އެއް ކުޅުނެވެ. އޭގެ ނަތީޖާއަކަށްވީ 59 ވަނަ މިނެޓުގައި ފޯވަޑް ސީރޯ އިމޮބައިލް ބޮލުން ކާމިޔާބުކޮށްދިން ލަނޑުން ކުރިހޯދައި އިޓަލީން ލީޑު ހޯދުމެވެ.

މެޗުގެ 71 ވަނަ މިނެޓުގައި އިޓަލީން އިތުރު ލަނޑެއް ޖަހަންވެގެން ކުރިއަށް ޖެހިލި ވަގުތުގައި ފިންލޭންޑުން ކުރި ކައުންޓާ ހަމަލާއެއްގައި ފިންލޭންޑަށް ޕެނަލްޓީއެއް ލިބުނެވެ. މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ޓީމު ޕުއްކީގެ ލަނޑާއެކު މެޗުން ފިންލޭންޑަށް މުހިއްމު ޕޮއިންޓެއް ލިބެމުންދަނިކޮށް އެޓީމު މާޔޫސްކޮށްލީ 79 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެއްގައި މިޑްފީލްޑަރު ޖޮގިނިއޯ ލަނޑުޖަހައި އިޓަލީ އަށް މެޗުގައި ދެވަނަ ފަހަރަށް ކުރިހޯދައި ދިނުމުންނެވެ.