އިއްޔެ ސައުދީ އަރަބިއްޔާގެ 2 ތެޔޮ ކާރުޙާނާ އަކަށް ދީފައިވާ ޑްރޯން ހަމަލާތައް ކުށްވެރިކޮށް، ދިވެހި ރާއްޖޭގެ ސަރުކާރުން ބަޔާނެއް ނެރެފިއެވެ.

ރާއާޖޭގެ ފޮރިން މިނިސްޓްރީން ނެރުނު އެ ބަޔާނުގައި ބުނެފައިވަނީ ސައުދީ އަރަބިއްޔާގެ އަރަމްކޯ (ސައުދީ ޤައުމީ ތެޔޮ ކުންފުނި) ގެ އަބްޤައިޤް އަދި ހިޖްރާ ޚުރައިސް ތެޔޮ ކާރުޙާނާ އަށް ދިން ޑްރޯން ހަމަލާތައް ދިވެހި ސަރުކާރުގެ ފަރާތުން އެންމެ ހަރުކަށި އިބާރާތެއްގައި ކުށްވެރިކުރާ ކަމަށެވެ.

ދިވެހި ސަރުކާރުގެ ފަރާތުން ބުނެފައިވަނީ ތެޔޮ ކާރުޙާނާ ފަދަ ތަންތަނަށް ހަމަލާ ދިނުމަކީ އެގައުމުގެ އާއްމުންގެ ފުރާނަތައްވެސް ނުރައްކަލަކަށް ހުށެހެޅިގެން ދާނެ ފަދަ ނުރައްކާތެރި ހަމަލާއެއް ކަމަށާއި މިކަމުގެ ސަބަބުން ސައުދީ އަރަބިއްޔާ ގެ ސަލާމަތީ ކަންތައްތަކަށް ލޮޅުމެއް ގެނުވާފައިވާ ކަމަށެވެ. އަދި ސަރަހައްދީ ގޮތުން މިކަމުގެ ސަބަބުން އިތުރަށް ހަމަނުޖެހުން އިތުރުވެގެންދާނެ ކަމަށް ފާހަގަކޮށްފައިވެއެވެ.

ޓެރެރިޒަމް ގެ މިފަދަ ޢަމަލް ތަކުން ސަރަހައްދީ ސުލްހަ އަށް މަސައްކަތް ކުރާ ބައިނަލްއަޤްވާމީ ފަރާތްތަކުގެ މަސައްކަތްތަކަށްވެސް ބުރޫ އަރާނެ ކަމަށް އެ ބަޔާނުގައި ވެއެވެ. އެބަޔާނުގައި އިތުރަށް ބުނެފައިވަނީ ދިވެހިރާއްޖެ އަދިވެސް ތިބީ ސައުދީ އަރަބިއްޔާގެ ރައްޔިތުންނާއި، ސަރުކާރާ އެއްކޮށް ކަމަށާއި، އެ ގައުމުން ޓެރެރިޒަމް އާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކަށް ދިވެހިރާއްޖެ ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށެވެ.

ޑްރޯން ހަމަލާތަކުގެ ޒިންމާ ޔަމަނުގައި ހަރަކާތްތެރިވާ ހޫތީ ޖަމާޢަތުން މިހާރު ވަނީ ނަގައިފައެވެ.