ދިވެހިންނަށް ދުރާލާ ވިސާ ނުނަގާ ސައުދި އަރަބިއްޔާއަށް ދަތުރު ކުރެވޭނެ ގޮތް އެ ގައުމުގެ ސަރުކާރުން ހަމަޖައްސަވައިފިއެވެ.

މިގޮތުން ސައުދީއަށް ދުރާލާ ވިސާ ނުނަގާ ދަތުރު ކުރެވޭ ގޮތަށް ހަމަޖެއްސި އަށް ގައުމުގެ ތެރޭގައި ރާއްޖެ ހިމެނެއެވެ.

އެކަމާއި ގުޅިގެން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ، ފަތުރުވެރިކަމަށާއި، އުމްރާކުރުމަށާއި، ވިޔަފާރީގެ ބޭނުންތަކަށް ނޫނީ އާއިލާ އާއި ރަހުމަތްތެރިންނަށް ޒިޔާރަތް ކުރުމަށް ސައުދީއަށް ދަތުރު ކުރާ ދިވެހިންނަށް އިލެކްޓްރޯނިކް ވިސާ ނުވަތަ އެއާޕޯޓުން ވިސާ ނެގޭނެ އިންތިޒާމް ހަމަޖައްސަވައި ދެއްވުމަށް ސަރުކާރުން ނިންމި ނިންމުމަށް މަރުހަބާ ވިދާޅުވާ ކަމަށެވެ.

އަދި މިއީ ރައްޖެ އާއި ސައުދީ އާ ދެމެދު އޮތް ގާތް ގުޅުން ރަމްޒު ކޮށްދޭ އަލިގަދަ ހެއްކެއް ކަަމަށްވެސް ޝާހިދު ވިދާޅުވިއެެވެ.

މިހާރުވެސް ރާއްޖޭގެ ޕާސްޕޯޓަކީ މި ސަރަހައްދުގެ އެހެން ގައުމުތަކަށް ވުރެ ބާރުގަދަ ޕާސްޕޯޓެވެ.

އަދި ވިސާ ނެގުމަކާ ނުލައި މިހާރުވެސް ދިވެހި ރައްޔިތުންނަށް 93 ގައުމަކަށް ދަތުރުކުރެވެއެވެ.

ދިވެހީންނަށް އެންމެ ފަހުން ވިސާ އޮން އެރައިވަލް ދޭން ފެށި ގައުމުތަކުގެ ތެރޭގައި ކެމްބޯޑިއާ އަދި ބުރުންޑީ އަދި ރުވާންޑާ ހިމެނެއެވެ.

ވިސާއާ ނުލައި ދިވެހީންނަށް ދަތުރުކުރެވޭ ގައުމުތަކުގެ ތެރޭގައި ޗައިނާ، ރަޝިއާ، އިނގިރޭސިވިލާތް އަދި އަޔަލެންޑް ވެސް ހިމެނެ އެވެ.