މި ރަމަޟާން މަހު އުމްރާއަށް ދާން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށް ސައުދީ އަރަބިއްޔާ އިން ދެ ޗާޓަރު ފްލައިޓް ހަމަޖައްސައި ދިވެހި 900 އުމްރާވެރިން މައްކާ އަށް ގެންގޮސްދީފިއެވެ.

ސައުދިއާ އެއާލައިނުން ވަނީ ރާއްޖެއިން އުމްރާއަށް ދާން ބޭނުންވާ މީހުން ދަތުރު ކުރުމަށް އެ އެއާލައިން ޚިޔާރުކުރީތީ ޝުކުރު އަދާކޮށްފައެވެ.

ސައުދީ އަރަބިއްޔާގެ ގައުމީ އެއާލައިން އިން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ކުރާއިރު، އެކި ގްރޫޕްތަކުގެ ހަވާލުގައި މި ރޯދަމަހު އުމްރާއަށް ދާ ވަރަށް ގިނަ ބަޔަކު ސައުދިއާ އިން ގެންގޮސްދީފައިވެއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމަށް ފަހު ރާއްޖެއިންް އެންމެ ގިނަ މީހުން އުމްރާއަށް ދަނީ މިއަހަރުގައެވެ. މިއަހަރު ހައްޖު ކޯޕަރޭޝަނާއެކު 14 ވަރަކަށް ގުރޫޕުން 2،000 އަށް ވުރެ ގިނަ މީހުން އުމްރާގެ އަޅުކަން އަދާކުރުމަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ.

އުމުރާގެ އަޅުކަން އަދާކުރުމަށް މިދިޔަ ބުރާސްފަތި ދުވަހު އެކަނި ވެސް 1،200 އަށް ވުރެ ގިނަ މީހުން ފުރި އެވެ. އަދި ކުރިއަށް އޮތް ހަތަރު ދުވަސް ތެރޭގައި އިތުރު 988 މީހުން ރާއްޖެއިން އުމުރާއަށް ފުރުމަށް ހަމަޖެހިފައިވާ ކަމަށްވެއެވެ.

ރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ދީފައި ވަނީ 43 ޖަމާއަތަކަށެވެ.