ސައުދީ އަރަބިއްޔާގެ ސަރުކާރުން ދިވެހި ދަރިވަރުންނަށްދޭ ސްކޮލާޝިޕްތަކަކަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން ބުނީ އެ ސްކޮލަޝިޕްތަކަކީ ފުލީ ފަންޑެޑް ސްކޮލަޝިޕްތަކެއް ކަމަށެވެ. އެ ސްކޮލާޝިޕް މެދުވެރިކޮށް 11 ދާއިރާ އަކުން ކިޔެވުމަށް 350 އަށްވުރެ ގިނަ ދިވެހި ދަރިވަރުންނަށް ފުރުސަތު ލިބިގެންދާނެ ކަމަށް ސައުދީ އެމްބަސީން ބުންޏެވެ.

އަދި އެ ސްކޮލާޝިޕްތައް ސައުދި އަރަބިއްޔާގެ ކޮންމެ ޔުނިވާސިޓީއަކުން ކިޔެވުމުގެ ފުރުސަތުވެސް އޮންނާނެކަމަށް ސައުދީ އެމްބަސީން ބުނެފައި ވެއެވެ.

ސައުދީ ސަރުކާރުން ދިވެހި ދަރިވަރުންނަށް ހުޅުވާލާފައިވާ ސްކޮލާޝިޕްތަކުގެ ތެރޭގައި މީޑިއާ ދާއިރާ، ކޮމްޕިއުޓަރ ސައިންސް، ޤާނޫނީ ދާއިރާ، ދަނޑުވެރިކަމުގެ ދާއިރާ، އިކޮނޮމިކްސް އެންޑް ޕޮލިޓިކްސް، އިންޖިނިއަރިން އަދި އިސްލާމިކް ސްޓަޑީޒްއާއި އަރަބި ބަހާއި އެނޫންވެސް ދާއިރާތަކުގެ ކޯސްތައް ހިމެނެއެވެ.

އަރަބި އެހެން އެއްވެސް ގައުމަކަށް ވުރެ ސައުދީގެ ރޭންކިން ޕްރޮގްރާމްތައް ގިނައެވެ.

ސައުދީގައި ހުންނަ ދުނިޔޭގެ ފެންވަރުގައި ރޭންކް ކުރެވިފައިވާ ބައެއް ޔުނިވަރސިޓީތައް:

- ކިންގްއައްދުލްއަޒީޒް ޔުނިވަރސިޓީ(ކޭއޭޔޫ)

- ކިންގްފަހްދު ޔުނިވަރސިޓީ އޮފް ޕެޓްރޮލިއުމް އެންޑް މިނެރަލްސް (ކޭއެފްޔޫޕީއެމް)

- ކިންގްއައްދުالله ޔުނިވަރސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ (ކައުސްޓް)

- އިމާމު ޢަބްދުއްރަޙްމާންބިންފައިސާލް ޔުނިވަރސިޓީ

- ކިންގްސައުޑް ޔުނިވަރސިޓީ(ކޭއެސްޔޫ)

އެ ސްކޮލާޝިޕްތަކަށް އޮންލައިން ޕޯޓަލްމެދުވެރިކޮށް ކުރިމަތިލެވޭނެކަމަށް ސައުދީ އެމްބަސީން ބުންޏެވެ.