ޔަމަނުގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށާއި ފުރިހަމަ ސިޔާސީ ހައްލެއް ހޯދުމަށްޓަކައި ސައުދީ އަރަބިއާއިން ކެނޑިނޭޅި ކުރަމުންދާ މަސައްކަތްތަކަށް ރާއްޖެއިން ތާއީދުކުރާކަމަށް ފޮރިން މިނިސްޓްރީއިން ބުނެފި އެވެ.

ފޮރިން މިނިސްޓްރީއިން މިއަދު ނެރުނު ބަޔާޏެއްގައި ބުނެފައިވަނީ ސައުދީ އަރަބިއާއިން ޔަމަނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލަންސީ މުހައްމަދު އަލް ޖާބިރް އިސްވެ ހުންނަވައި ޔަމަނުގެ ވެރިރަށް ސަންއާގައި މި މަހުގެ 8 އިން 13 އަށް ސައުދީ އަރަބިއާގެ ވަފުދުން ބޭއްވި ބައްދަލުވުންތައް ފާހަގަކޮށް އެކަމަށް މަރުހަބާ ކިޔާ ކަމަށެވެ.

ސައުދީ އަރަބިއާގެ ވަފުދުގެ މިބައްދަލުވުންތަކަކީ 2021 ވަނަ އަހަރުގެ މާޗް މަހުގައި އިއުލާނު ކުރެވުނު ސައުދީ އިނީޝަޓިވް އާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި މިދިޔަ އަހަރުގެ އޭޕްރީލް މަހުގައި ޔަމަނުގައި ހަމަލާ ބަދަލުކުރުން ހުއްޓާލާފައިވާކަން އ.ދ. އިން އިއުލާނު ކުރީއްސުރެ އެޤައުމުގެ މަސްރަހަށް އައިސްފައިވާ ހެޔޮ ބަދަލުތަކުގެ މައްޗަށް ބިނާކުރެވިގެންދިޔަ ބައްދަލުވުންތަކެއްކަމަށް މިނިސްޓްރީއިން ބުނެ އެވެ.

މިނިސްޓްރީއިން ބަޔާނުގައި ބުނެފައި ވަނީ ޔަމަނުގައި ތަރައްގީއާއި ފާގަތިކަމާއި ސުލްހައާއި ހަމަޖެހުން ގާއިމުކުރުމަށް ޔަމަނުގެ ރައްޔިތުން ދެކެމުންދާ ހުވަފެންތައް ހަގީގަތަކަށް ހެދުމަށްޓަކައި ކުރެވެމުން އަންނަ އެފަދަ މަސައްކަތްތަކަށް އެއްބާރުލުންދިނުމަށް ޔަމަނުގެ ގާނޫނީ ސަރުކާރަށާއި ޙޫޘީންނަށް ގޮވާލާ ކަމަށެވެ.

2011 ވަނަ އަހަރުން ފެށިގެން ޔަމަންގައި ހިނގަމުންދާ ދާހިލީ ހަނގުރާމައިގެ ސަބަބުން އެގައުމުގެ ރައްޔިތުން މިއަދު ވެފައި ވަނީ މުޅި ދުނިޔެއަށް ބެލި ނަމަވެސް އިންސާނީ އެންމެ ބޮޑު ކާރިސާގައި ދުވަސްތައް ހޭދަކުރަން ޖެހިފައިވާ މީހުންނަށެވެ.