ފިތުރު ޒަކާތް ބަހަމުން ދަނިކޮށް ޔަމަންގައި މީހުން ތާށިވެގެން 78 މީހުން މަރުވެ، އެތައް ބަޔަކު ޒަހަމް ވެއްޖެއެވެ.

އަލްޖަޒީރާ އިން ބުނާ ގޮތުގައި ޔަމަންގެ ވެރިރަށް ސަނާގައި ހުންނަ ސްކޫލެއްގައި ރަމަޟާން މަހުގެ އެންމެ ފަހު ދުވަހު ފިތުރު ޒަކާތް ބަހަމުން ދަނިކޮށް މީހުން ގިނަވެ، ތާށިވެގެން ގިނަ ބަޔަކު މަރުވީ ޒަކާތުގެ ގޮތުގައި ކޮންމެ މީހަކަށް ދިހަ ޑޮލަރު ދެމުން ދަނިކޮށެވެ. އެއީ ދިވެހި ރުފިޔާ އިން ބަލާނަމަ ގާތްގަނޑަކަށް -/150 ރުފިޔާ އެވެ.

އެތައް ސަތޭކަ ބަޔަކު ޖަމާވެ، މީހުން ތާށިވެގެން ގިނަ ބަަކު މަރުވީ ހޫތިންގެ ކޮންޓްރޯލްގެ ދަށުގައި އޮންނަ ސަރަހައްދެކެވެ. ޒަކާތް ބަހަމުން ދިޔައިރު އެސަރަހައްދުގައި ވެސް ހޫތީ ހަނގުރާމަވެރިން ހަތިޔާރު ހިފައިގެން ތިއްބެވެ. އާއްމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ހަމަލާ ދިނުމުން މީހުން ސްކޫލުން ނިކުންނަން އުޅުނު ވަގުތު މީހުންތައް ކޮންޓްރޯލް ކުރަން ވެސް ހޫތީ ހަނގުރާމަވެރިން ވައިގެ ތެރެއަށް ބަޑި ޖަހަމުން ގެންދިޔައެވެ.

ހޫތީން މިހާރު ވަނީ ޒަކާތް ބެހުމުގެ މަސައްކަތް ކުރި ދެ އޮފިޝަލަކު ހައްޔަރުކޮށް ގިނަ ބަޔަކު މަރުވާން މެދުވެރިވި ސަބަބު ހޯދަން ތަހްގީގު ފަށާފައެވެ. އަދި މިހާދިސާގައި މަރުވި ކޮންމެ މީހެއްގެ އާއިލާއަށް 2000 އެމެރިކާ ޑޮލަރާއި، ޒަހަމްވި ކޮންމެ މީހަކަށް 400 ޑޮލަރު ދޭނެ ކަމަށް ވެސް ހޫތީން ވަނީ ބުނެފައެވެ.

2014 ވަނަ އަހަރުން ފެށިގެން ސަނާ ކޮންޓްރޯލް ކުރަމުން ގެންދަނީ ހޫތީ ހަނގުރާމަ ވެރިންނެވެ. ޔަމަންގައި ހިނގަމުންދާ ދާހިލީ ހަނގުރާމައިގައި އެގައުމުން ދޮޅު ލައްކަ މީހުން މަރުވެ، އެތައް މިލިއަން ބަޔަކުގެ ގެދޮރު ގެއްލި ވަނީ މަގުމަތިވެފައެވެ. ޔަމަންގެ ހާލަތު މިހާރު އޮތް ގޮތުން ޔަމަނަކީ އެންމެ ދަތި ހާލުގައި މީހުން ދިރިއުޅޭ ބޮޑު އިންސާނީ ކާރިސާއެއް ކުރިމަތިވެފައިވާ ގައުމެއް ކަމަށް އިންސާނީ އެހީ ފޯރުކޮށްދޭ ފަރާތްތަކުން ބުނެއެވެ.

ޔަމަންގެ މައްސަލައަށް ހައްލެ ހޯދަން ދާދިފަހުން ސައުދީ އަރަބިއްޔާ އޮވެ ވަނީ މަޝްވަރާތަކެއް ފަށާފައެވެ. ނަމަވެސް އެމަޝްވަރާތަކުން އަދި މިހާތަނަށް އެއްވެސް ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.