ޔަމަނުގައި ކުރިއަށް ގެންދިޔަ ހަދިޔާ ބެހުމުގެ ހަރަކާތެއްގެ ތެރެއިން ފިތިބާރުވެގެން 78 މީހަކު މަރުވެއްޖެއެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ޔަމަނުގެ ވެރިރަށް، ސަނާގައި ވިޔަފާރިވެރިންތަކެއް އެގައުމުގެ ސަރުކާރަށް އެންގުމެއް ނެތި އެސަރަހައްދުގެ ރައްޔިތުންނަށް ހަދިޔާ ބަހަމުން ދިޔަ ވަގުތެއްގައެވެ.

ބުދަ ދުވަހުގެ ހިނގާދިޔަ މި ހާދިސާގެ މަންޒަރު ފެންނަ ވީޑިއޯތަކެއް މީސްމީޑިއާގައި އާންމުވެފައިވާއިރު، އެ ވީޑިއޯތަކުން ފެނިގެން ދަނީ އެތައް ބަޔަކު ތޮއްޖެހިފައި އޮތް ސަރަހައްދަކުން ބައެއް މީހުން އެހީއަށް އެދި އަތްދިއް ކުރާ މަންޒަރެވެ.

ހޫތީންގެ ދާހިލީ ވުޒާރާގެ ތަރުޖަމާނު އަބްދުލް ޚަލީގް އަލް އަޖްރީ ބުނެފައިވަނީ ރޭގެ އެ ހާދިސާއަކީ ހިތާމަވެރި ހާދިސާއެއް ކަމަށާއި ބައެއް ވިޔަފާރިވެރިން އެގޮތަށް ހަދިޔާ ބެހުމުގެ ސަބަބުން އެތައް ބައެއްގެ ފުރާނަ މި ދުނިޔެ ދޫކޮށް ގޮސްފައިވާ ކަމަށެވެ.

އެގޮތުން މިހާތަނަށް 78 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، އެތައް ސަތޭކަ ބަޔަކު ޒަހަމްވެގެން ފަރުވާ ދެމުން އަންނަ ކަމަށް އެވުޒާރާއިން ވަނީ ބުނެފައެވެ.

ރޮއެޓާސް ނޫހުން އާންމު ކުރި މައުލޫމާތަށް ބަލާއިރު، ވިޔަފާރިވެރިން ހަދިޔާ ބަހާ ކަމަށް އެސަރަހައްދުގައި އަޑު ފެތުރުމުން އެތައް ސަތޭކަ ބަޔަކު ވަނީ ހަދިޔާ ބަހާ ސަރަހައްދު ކަމަށްވާ ސްކޫލަށް ޖަމާވެފައެވެ.

ރޯދަ މަސް ނިމި، އީދު ކައިރިވެފައި އޮއްވާ މި ހަމަލާދީފައިވާއިރު، އެތައް ބަޔަކު ދިޔައީ އެދުވަސް ކޮޅު ޒަކާތް ވެސް ދައްކަމުންނެވެ.

މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އެނގިފައި ނުވި ނަމަވެސް ތަހުގީގަށް ފުލުހުން ވަނީ ހަދިޔާ ބަހަމުން ދިޔަ ދެ ވިޔަފާރިވެރިއަކު ހައްޔަރު ކޮށްފައެވެ.