ޓަގު ބޯޓެއްގައި ފިލަން މަސައްކަތް ކުރަނިކޮށް، އިންޑިއާގެ ޓުޓިކޮރިން އަތުލައިގަތް މައްސަލައިގައި، ދަޢުލަތުން އަޙުމަދު އަދީބުގެ މައްޗަށް އުފުލާފައިވާ، ޤާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ކުށުގެ ދަޢުވާގެ އިބްތިދާޢީ އަޑުއެހުން، ކްރިމިނަލް ކޯޓުގައި މިއަދު ބާއްވާފައިވާ އިރު، މިއަދުގެ އަޑުއެހުމުގައި އަޙުމަދު އަދީބު ވަނީ އެ ކަމަށް އަމިއްލަ އަށް އިޢުތިރާފު ވެފައެވެ.

މި މައްސަލައިގެ އަޑުއެހުން ފެށުމުގެ ގޮތުން، މި މައްސަލަ ބައްލަވާ ޤާޟީ، އިޞްމާޢީލް ރަޝީދު، ދަޢުލަތު ގެ ފަރާތުން އެދިވަޑައިގެންނެވީ، އަޙުމަދު އަދީބާއި ދެކޮޅަށް އުފުލާފައިވާ ދަޢުވާ އޭނާއަށް ސާފުކޮށް ދިނުމަށާއި، އަދި އެ ދަޢުވާ ސާބިތު ވެއްޖެނަމަ، ދިވެހި ރާއްޖޭގެ ޤާނޫނުލް އުޤޫބާތުގައި އެކަމަށް ކަނޑައަޅާފައިވާ އަދަބާއި، އަދި އެ އަދަބު އިތުރަށް ބޮޑުވެދާނެ ނުވަތަ ކުޑަ ކުރެވޭނެ ހާލަތެއް އޮތް ނަމަ، އެކަން ދަޢުވާ ލިބޭ ފަރާތަށް ސާފުކޮށް ދިނުމަށެވެ.

އެގޮތުން، މި ދަޢުވާ އާއި ގުޅިގެން، ދަޢުލަތުން ވިދާޅުވީ، ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން، އަޙުމަދު އަދީބުގެ ޕާސްޕޯޓު ހިފެހެއްޓުމަށް، ޢަމުރުކޮށްފައިވަނިކޮށް، ޓަގު ބޯޓެއްގެ އެހީގައި ރާއްޖެއިން ބޭރަށް ގޮސް، ފިލުމަށް މަސައްކަތް ކޮށްފައިވާތީ، ދިވެހި ރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ 533 ވަނަ މާއްދާގެ (ހ) ގެ ނަމްބަރު 1 އަދި 2 އަކާއި ހަވާލާދީ، އެ ދަޢުވާ އުފުލާ ކަމަށާއި، އެ ދަޢުވާ ސާބިތުވެއްޖެ ނަމަ، 4 މަހާއި، 24 ދުވަހުގެ ޖަލު ޙުކުމެއް އަންނާނެ ކަމަށެވެ. އަދި މި މައްސަލައާއި ގުޅިގެން އަދަބު އިތުރަށް ބޮޑުވާނެ ހާލަތެއް ނާންނާނެ ކަމަށްވެސް ދަޢުލަތުން ވިދާޅުވިއެވެ.

ދަޢުލަތުގެ ފަރާތުން، ދަޢުވާ އިއްވުމަށްފަހު، އެ ދަޢުވާ ސާފުވެއްޖެތޯ، ޝަރީޢަތުން ސުވާލުކުރުމުން އަޙުމަދު އަދީބު ވިދާޅުވީ، ދަޢުވާ ސާފުވެއްޖެ ކަމަށާއި، އަދި އެއްވެސް މީހެއްގެ މަޖުބޫރު ކުރުމެއްނެތި، އެކަމަށް އިޢުތިރާފު ވާ ކަމަށެވެ.

"އިއްޒަތްތެރި ޤާޟީ. އަޅުގަނޑަށް ދަޢުވާ ސާފުވެއްޖެ. އެކަން އެގޮތަށް ހިނގައިގެން ދިޔައީ އަޅުގަނޑަށް އެވަގުތު ދިމާވި މަރުބޫރީ ހާލަތެއްގެ ސަބަބުން. އެހެންކަމުން، ފުލުހުންގެ ފަރާތުން ވެސް އަޅުގަނޑު ވާނީ މަޢާފަށް އެދިފަ. އިރާދަކުރެއްވިއްޔާ ދެން އެކަހަލަ ކަމެއް އަޅުގަނޑުގެ ފަރާތަކުން ނުފެންނާނެ. ނަމަވެސް ޙުކުމް ކުރައްވާއިރު، އަޅުގަނޑުގެ ޞިއްޙީ ހާލަތަށް ރިޢާޔަތްކޮށްދެއްވުމަށް އަޅުގަނޑު އެދެން." އަދީބު ވިދާޅުވިއެވެ.

އަދީބުގެ އަމިއްލަ އިޢުތިރާފާއި ގުޅިގެން، ޝަރީޢަތުން ވިދާޅުވީ، ދިވެހި ރާއްޖޭގެ ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުގެ 107 ވަނަ މާއްދާގެ ދަށުން، އަޙުމަދު އަބީދަށްވެސް ގިނަ ހައްޤުތަކެއް ލިބިގެންވާ ކަމަށާއި، ނަމަވެސް، އަމިއްލަ އިޢުތިރާފާއި އެކު، އެ މާއްދާގެ 3 ވަނަ ނަމްބަރުން ފެށިގެން 9 ވަނަ ނަމްބަރާއި ދޭތެރޭ ބަޔާންކޮށްފައިވާ ހުރިހާ ހައްޤުތައް އުނިވެގެން ދާނެ ކަމަށެވެ. އަދި އަޙުމަދު އަދީބާއި ދެކޮޅަށް އުފުލާފައިވާ ދަޢުވާގައި ބަޔާންކޮށްފައިވާ ކުށަކީ، ޖުނަހުގެ 1 ވަނަ ދަރަޖައިގެ ކުށެއް ކަމަށާއި، އެހެންކަމުން، އެންމެ މަދުވެގެން 3 މަހާއި 18 ދުވަހުގެ ޖަލުހުކުމެއް އަންނާނެ ކަމަށެވެ. އަދި މި މައްސަލައިގެ އިތުރު އަޑުއެހުން ތަކެއް ބޭއްވުމުގެ ބަދަލުގައި ދެން އޮންނާނީ އަވަސް ނިޔާ ކަނޑައެޅުމަށް ބާއްވާ އަޑުއެހުން ކަމަށްވެސް ޤާޟީ ވިދާޅުވިއެވެ.

އަދީބު ފިލަން މަސައްކަތްްކޮށްފައިވަނީ "ވާގޯ 9" ނަމަކަށް ކިޔާ ބޭރުގެ ޓަގު ބޯޓެއްގަ އެވެ. ސިންގަޕޫރުގައި ރަޖިސްޓަރީ ކޮށްފައިވާ އެ ބޯޓުގައި ރާއްޖެއިން ބޭރަށް ދަތުރު ކުރައްވަނިކޮށް އަދީބު ހިފެހެއްޓީ އިންޑިއާގެ ޓުޓިކޮރިން ބަނދަރުން އެ ގައުމުގެ ކަމާބެހޭ އިދާރާތަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. އަޖައިބު

  ވ. ހެއްވާ ކަމެއް.
  ޢަދުލު އިންސާފު އޮޅިއްޖެ.
  މިސަރުކާރުއައީ ރައްޔިތުންގެ މެދުގައި ޢަދުލް އިންސާފް ޤާއިމްކުރަން. އެކަމަކު މިހާރު ބައެއްބޭފުޅުން ގެމައްޗަށް އުފުލާފައިވާ ޖިނާއީ ދައުވާތައް އިސްތިއުނާފް ކޮށް އެއްވެސް ކުށެއްނެތް މައުސޫމު ބަޔަކަށް ވީއިރު ކުދި ކުދި ކުއްތަކުގައި ޖަލުގައި ހުޚުމްތަންފީޒްކުރާ ރައްޔިތުމީހާގެ މައްސަލަ.............. އަޖައިބު

  57
  2
 2. ޗައިވާލޭ

  އެންގެވި ގޮތަށް ތިޔަ ވިދާޅުވެވުނީ. އަދީބައް ވެސް މައާފް ކޮށްފި.

  39
  1
  • ހުކުމް

   ހުކުމް ކުރުމާއެކު ރައީސަށްލިބިދޭ ނުފޫޒުގެ ދަށުން މައާފްދީ މިނިވަން ކުރާނަށް.

   16
 3. ޓްރޭސް

  އިޢްތިރާފް ވެއްޖިއްޔާ އަދަބު ލުއިކުރުމުގެ ބާރު އޮންނަންޏާ، ކުށް ނުކުރާ މީހަކުވެސް އޭނާގެ މައްޗަށް ހެކިބަހުން ކުށެއް ސާބިތުވާން އުޅޭހެން ހީވެއްޖިއްޔާ އަދަބު ލުއިކުރުމުގެ ބޭނުމުގައި އޭނާ ނުކުރާ ކުށެއް ކުރިކަމަށް އިޢްތިރާފް ވެދާނެތާދޯ؟

  16
 4. ބުރޯދާދާ

  ވައްކަން ކުރެވުނީތީވެސް މަޢާފަށް އެދެން މަށަށްފެނޭ

  16
 5. ހުސެން

  ކާކު ބުނެގެން ދިޔައީ ؟

  14
 6. އުމަރު

  ފިލައިގެން ދިޔަ އެންމެނަށް ހުކުމް ކުރެވެން ޖެހޭނެ

  16
 7. ސައްދާމް

  ނާއިންސާފުގެ ކޮޅެއްނެތް، ބައެއްބޭފުޅުން ގެމައްޗަށް އުފުލާފައިވާ ޖިނާއީ ދައުވާތައް އިސްތިއުނާފް ކޮށް މިހާރު ހުދު ބޯކިރުކޮޅެއްފަދަ. ރައްޔިތުން އަތްދަށުވެ އަދި މިވެރިކަން ހަނާއަރާނެ.

  18
  1
 8. ޖާޒީރާ ބޯއީ

  މިހާލުއިކޮށް މިކަން އޮންނައިރު ކީތްވެބާއޭ ޖަލުގައިތިބި ހުރިހާ ގައިދީން ފިލަން ނޫޅެނީ އޭރުން ފިލިއްޖެއްޔާ މިކަން ނިމުނީތާ ނުވެއްޖެއްޔާ ދެން 3 މަހާއި 20 ދުވަސް އިތުރަށް އޮންނާނީ.

  17
 9. ނފނދ

  ތިކަންވެސް ޔާމީން ބޮލުގަ އަޅުވާ، އެއީވެސް ޔާމީން އެންގި ގޮތް ދޯ ބްރޯ

  15
  1
 10. ކާފަ

  ތިޔައީ ޑްރާމާގެ ޑައިލޮގްގައި އޮތްގޮތް!

  20
 11. ފަރު

  ފިލަިގެން "ދެވުނީ" ؟؟ ފައިވާނަށް އަރަން އުޅެނިކޮށް އެރުނީ ބޯޓަކަށް. ހިގައިގަންނަން އުޅެނިކޮށް އިސްޓާޓުކުރެވުނީ އިންޖީނު އުތަ؟؟؟

 12. ސަބިން

  މާފައް އެދޭނެ ކަމެއް ނެތް. ތިޔައީ ޖިނާއީ ކުށެއް.