ބަންގްލަދޭޝްއިން ރާއްޖެއައި އުމުރުން 36 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއްގެ އަތުން ކެނެބިސް ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

ކަސްޓަމްސް އިން ބުނީ، އިއްޔެ ރާއްޖެ އައި މި މީހާއާއި މެދު ޝައްކުކުރެވިގެން ބަލައި ފާސްކުރުމުގެ ތެރޭގައި އޭނާގެ ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ވަނީ ފެނިފައިވާކަމަށެވެ.

ކަސްޓަމްސް އިން ބުނީ، އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 3.69 ކިލޯ ހުންނާނެ ކަމަށެވެ. އަދި މިތަކެތީގެ މަގުމަތީ އަގު 2,948,000.00 (ދެ މިލިއަން ނުވަލައްކަ ސާޅީސް އަށް ހާސް) ރުފިޔާއަށް އަރާނެ ކަމަށްވެސް ކަސްޓަމްސް އިން ބުންނެވެ.

މިމައްސަލައިގަައި ޝާމިލްވާ މީހާއާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ފުލުހުންނާއި، ހަވާލުކޮށް އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މިއަހަރުގެ މިހާތަނަށް ކަސްޓަމްސްއިން ވަނީ ޖުމްލަ 28.49 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައެވެ.