މިރޭ މާލޭގައި ހިނގައިގެން އުޅޭ އަލިފާނުގެ ހާދިސާ އާއި ގުޅިގެން ގިނަ ބަޔަކު ހާލުގައި ޖެހިފައި ވަނިކޮށް މަކަރާއި ހިލާތުން ފައިސާ ހޯދާ މީހުން ބައެއް މީހުންނަށް ފޯނުކޮށް ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ ނަމްބަރަކުން ފޯނުކޮށް އޭނާގެ ބައްޕައަށް އެހީވުމަށް ފައިސާ ޓްރާންސްފާ ކޮށްދޭން އެދުނު ކަމަށެވެ.

"ނުވެސް ދަންނަ ނަމްބަރަކުން ގުޅާފައި މިބުނަނީ އަލިފާނުގެ ހާދިސާގެ ސަބަބުން ހާލުގައި ޖެހިގެންނޭ މިއުޅެނީ. ތިމަންނަގެ ބައްޕައަށް އެހީވާން ދެވެން އޮތް އެހީއެއް ދޭށޭ. ދެން އަހަރެން ބުނެފިން ކިހިނެއްހޭ ހަދަންވީ އެހީދޭން. ބުނީމަ ބުނީ ޓްރާންސްފާ ކޮށްދޭށޭ. އިރުކޮޅަކުން އަހަރެމެން ގޭގެ އިތުރު މީހަކަށް ވެސް ހަމަ އެނަމްބަރުން ގުޅާފައި ބުނި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހިގެން ކޮއްކޮއަކަށް އެހީވާން ފައިސާ ޓްރާންސްފާ ކޮށްދޭށޭ. ދެން ފަހުން އަހަރެމެން އެނަމްބަރަށް ގުޅާފައި އޮޅުވާލައިގެން ފައިސާ ހޯދަނީހޭ އެހުމުން ފޯނު ކަނޑާލައިފި." އޭނާ ބުންޏެވެ.

އެނަމްބަރަށް ގުޅުމުން މިހާރު ފޯނަށް ޖަވާބެއް ނުދެއެވެ.

މީހުންނަށް ފޯނުކޮށް މަކަރާއި ހީލަތުން ފައިސާ ހޯދުމަކީ ވަރަށް ބޮޑުވެފައި އޮތް މައްސަލައެކެވެ.

މިރޭ ހިނގައިގެން އުޅޭ އަލިފާނުގެ ހާދިސާ އާއި ގުޅިގެން ގިނަ ބަޔަކު ހާލުގައި ޖެހިފައި ވާއިރު އެމީހުންނަށް އެހީތެރިވުމުގެ މަސައްކަތް ސަރުކާރުގެ އިދާރާތަކާއި، ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާތަކާއި އާއްމުން ގުޅިގެން ދަނީ ކުރަމުންނެވެ.