ފާއިތުވެދިޔަ ދުވަސްތަކުގައި ރާއްޖޭއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން، ދެކުނުގެ ބޮޑު ސަރަޙައްދަކަށް މޫސުން ގޯސްވެ ސަމާލު ނެރެފިއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރ (މެޓް) އިން މިއަދު މޫސުން ގޯސްވެގެން ސަމާލު ނެރެފައި ވަނީ ދެކުނުގެ ހަ އަތޮޅެއް ހިމެނޭހެން، ލ. އަތޮޅުން ފެށިގެން އައްޑޫ އާއި ދެމެދަށެވެ. މި އަތޮޅުތަކަށް އެ އިދާރާއިން ނެރެފައިވަނީ ހުދު ސަމާލެވެ.

މޫސުން ގޯސްވުމާއި ގުޅިގެން މޫސުމާއި ބެހޭ އިދާރާއިން މި ސަރަޙައްދަށް ހުދު ސަމާލު ނެރެފައިވަނީ، މިއަދު ހެނދުނު 9:30 އިން ފަށައިގެން މެންދުރުފަހު 2:30 އާއި ހަމައަށެވެ. އެ އިދާރާއިން މި ސަމާލު ނެރެފައިވާކަން ހާމަކޮށް ވިދާޅުވެފައިވަނީ، ސަމާލުގެ ވަގުތުތަކުގައި މި ސަރަޙައްދުގެ އެކި ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އަދި މި ސަމާލުގެ ވަގުތުގައި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ރޭވެސް ދެކުނުގެ ބައެއް އަތޮޅުތަކަށް ވިއްސާރަވެ ބޯކޮށް ވާރޭވެހިފައިވެއެވެ. މިކަމާއި ގުޅިގެން ބައެއް ރަށްތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

މޫސުން ކުރިޔަށް ލަފާކުރާގޮތް ހާމަކޮށް މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވެފައި ވަނީ، ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ގުޅަނގު ދެކުނުން ގަޑިއަކު 8 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ. އެހެންކަމުން އެންމެހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖާޒީރާ ބޯއީ

    އެއްގޮތަކަށްވެސް މީންކަމަކަށް ބަލާލާނެ ކަމެއްނެތް ކޮޅިގަނޑު މަޑުވެލާވަގުތު ބަލާފައި ބުރެއްޖަހާލާ އޭރަށް ތިޔަ ފައިސާކޮޅުވެސް ލިބޭނީ، އެހެންމިހުންގެ ހައްގަށާއި ފުރާނަޔަށް ބަލާނެކަމެއްނެތް. މީކަންހިގާމަގު.