ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ދިރާސާ ކުރުމަށް މިރޭ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމަށް، ކަމާ ގުޅޭ މުއައްސަސާތަކުގެ އިސް ބޭފުޅުން ހާޒިރުކުރަން އެޖެންޑާ ކޮށްފިއެވެ.

މި ބައްދަލުވުން އޮންނާނީ މިރޭ 20:00 ގައެވެ. މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ އެ ކޮމިޓީގެ ބައްދަލުވުމަށް އެޓާނީ ޖެނެރަލްގެ އޮފީހާއި، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި، އެމްއެންޑީއެފްއާއި، ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރާއި، ފުލުހުންގެ އިތުރުން ހޯމް މިނިސްޓްރީގެ އިސް ބޭފުޅުން ހާޒިރުވެވަޑައިގަންނަވާނެއެވެ.

ސަރުކާރުގެ ފަރާތުން ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް ހުށަހަޅުއްވާފައިވާ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ނިންމާފައިވަނީ އިއްޔެ ކުރިއަށް ދިޔަ ދައުރުން ބޭރުގެ 2 ވަނަ ޖަލްސާގައެވެ. އެ ބިލުގެ މަސައްކަތް ކުރިއަށް ގެންދަން ދައުރުން ބޭރުން ދެ ޖަލްސާއެއް ވަނީ ބާއްވައިފައެވެ. އިއްޔެ ކުރިއަށް ދިޔަ ޖަލްސާގައިވަނީ އެބިލް ބަލައިގަނެ ބިލު ދިރާސާ ކުރުމަށް ގައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުވާފައެވެ.

މިފަދަ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގައި ހައްދުފަހަނަ އަޅާފައިވާ ޖަމާއަތްތަކުގެ ހަރަކާތްތައް ހުއްޓުވުމަށް ޓެރަރިޒަމްގެ ގާނޫނަށާއި ޖިނާއީ އިޖުރާއަތްތަކުގެ ގާނޫނަށް އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

ސަރުކާރުގެ ފަރާތުން އެބިލަށް ގެނައި އިސްލާހުގެ ތެރޭގައި ޓެރަރިޒަމްގެ ކުށެއް ކުރި ކަމަށް ނުވަތަ ކުރަން އުޅޭ ކަމަށް ޝައްކުވާ މީހަކު ކޯޓު އަމުރަކާ ނުލައި ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ދޭގޮތަށް ހިމަނައިފައިވެއެވެ.

އަދި އެފަރާތެއް 48 ގަޑި އިރު ކޯޓަށް ހާޒިރުނުކޮށް ބަންދުގައި ބަހައްޓަން ޖެހޭ ގޮތަށް ހެދުމަށްވެސް ބިލުގައި ހިމަނާފައިވެއެވެ. މީގެ އިތުރުން އެފަދަ ކުށްތަކުގެ ތުހުމަތުގައި، ކޯޓު އަމުރެއް ނެތި މީހުންނާއި ތަންތަން ބަލައި ފާސް ކުރުމުގެ ބާރު ވެސް ލިބެއެވެ.

ބިލަށް ބަހުސް ކުރައްވަމުން އެމްޑީޕީގެ ގިނަ މެންބަރުން ވަނީ ޓެރަރިޒަމްގެ ކުށްތަކުގެ ތުހުމަތުގައި ކޯޓު އަމުރެއް ނެތި މީހުން ހައްޔަރުކޮށް 48 ގަޑިއިރު ބަންދުގައި ބެހެއްޓޭނެ ގޮތަށް ބިލުގައި އޮތް މާއްދާއަކީ ގާނޫނު އަސާސީއާ ހިލާފު މާއްދާއެއް ކަމަށް ފާހަގަ ކުރައްވާފައެވެ.

ސަރުކާރުގެ އިދިކޮޅު މެމްބަރުންނާ ބައެއް ގާނޫނީ ވަކީލުންގެ އިތުރުން ބައެއް ސަރުކާރުގެ އިސް ބޭފުޅުން ވެސް ވަނީ ބިލުގައި ބައެއް އަސާސީ ހައްގުތައް ހިފަހައްޓާފައިވާތީ އާއި ފުލުހުންނަށް އިތުރު ބާރުތަކެއް ލިބޭ ގޮތަށް ބިލުގައި އޮތީތީވެ ކަންބޮޑުވުން ފާޅުކޮށްފައެވެ.