އިންޓަރނޭޝަނަލް އެސޯސިއޭޝަން އޮފް މެރިން އެއިޑްސް ޓު ނެވިގޭޝަންސް އެންޑް ލައިޓްހައުސް އޮތޯރިޓީސް (އައިއޭއެލްއޭ) ގައި ރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ރުހުންދީފިއެވެ.

ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން އެގޮތަށް ފާސްކުރީ އެ ކޮމިޓީގެ މެމްބަރުންގެ އިއްތިފާގުންނެވެ.

އެ ނިންމުން ފާސްކޮށް އެކުލަވާލި ކޮމިޓީ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި އައިއޭއެލްއޭގެ މަގްސަދަކީ ރައްކާތެރި އަދި ހަރަދުކުޑަކުރެނިވި ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުގެ އުޅަނދު ފަހަރު އެއް ތަނުން އަނެއް ތަނަށް ދަތުރު ކުރެވޭނެ ގޮތަށް އެއިޑްސް ޓު ނެވިގޭޝަން ހަރުދަނާކޮށް ހުރިހާ ގައުމެއްގައި ވެސްް އެއް ގޮތަކަށް އެކަންކަން ހަމަޖައްސުމާއެކު ކަނޑުގެ ދަތުރުފަތުގެ ސިނާއަތަކީ ނަފާ ލިބޭ އަދި ތިމާވެއްޓަށް ވެސް ރައްކާތެރިކަން ލިބޭ ތަނަކަށް ހެދުން ކަމަށެވެ.

އެހެންވެ އެ މުއާހަދާގައި ރާއްޖެއިން ބައިވެރިވުމުން މުއާހަދާގައި ބައިވެރިވެފައިވާ އެހެނިހެން ގައުމުތަކާއި މެރިޓައިމް ދާއިރާއިން ގުޅުން ބަދަހިވެގެންދާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

އަދި އޭގެ ސަބަބުން ކަނޑުދަތުރު ފަތުރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެ އިތުރަށް ހަރުދަނާވެގެން ދާނެ ކަމަށްވެސް ބުނެފައި ވެއެވެ.

"އެއިޑްސް ޓު ނެވިގޭޝަން، ހާއްސަކޮށް ފަރުބައްތިތައް ޒަމާނީ ފެންވަރަކަށް ގެނައުމާއި ފަހުގެ ޓެކްނޮލޮޖީތައް ބޭނުންކޮށްގެން ފަރުބައްތިތައް ބެލެހެއްޓޭނެ ގޮތްތަކާއި އަދި ފަރުބައްތީގެ އުޅަނދު ފަހަރުން ޓެކްނޮލޮޖީގެ އެހީގައި އެނގޭނެ ގޮތް ފަހިވެ އެކަންކަމުގައި ގައުމުތަކުގެ އެހީތެރިކަން ލިބިގެންދާނެ" ކޮމިޓީ ރިޕޯޓްގައި ބުނެފައި ވެއެވެ.

އައިއޭއެލްއޭގައި ބައިވެރިވާން ކޮމިޓީން ރުހުން ދިން އިން އިރު އެކަމާ ގުޅޭ ގޮތުން އެންމެ ފަހުގެ ނިންމުމެއް ނިންމުމަށް މަޖިލީހުގެ ތަޅުމުގައި ވޯޓެއް ނަގާނެ އެވެ. ބެލެވޭ ގޮތުގައި އެ ވޯޓު އަންނަ ހަފްތާގައި ނަގާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަދުރޭ

    ބައިނަލް އަޤްވާމީ ކަނޑުބައްތި ތަކާ ބެހޭ ޖަމިއްޔާ ގައި ބައިވެރިވުމަށް ރާއްޖޭގެ ރައްޔިތުންގެ މަޖްލީހުން ރުހުންދިނުމުން އެނގެނީ ރައްޔިތުންގެ މަޖްލީހުން ރައްޔިތުންނަށް ޓަކައި ކޮންމެ ފަދަ ޤުރްބާނީއެއްވެސް ވެދާނެކަން . ކަނޑުބައްތި ނުދިއްލިގެން މިއޮއް ހުރިހާ ދުވަހު ރާއްޖޭގެ މަސްވެރިން ތިބީ މަހަށް ނުނިކުމެ . މިވެސް މި ސަރުކާރުން ކޮށްދިން ކިހާ ރަނގަޅުކަމެއް