ހދ. ކުޅުދުއްފުށީ ގެއެއްގެ ފާހަނާތެރޭގައި އަލިފާން ރޯކޮށްގެން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މި މީހާ ހައްޔަރުކުރީ އިއްޔެ މެންދުރު 1:00 ހާއިރު ފުލުހުންނަށް ކުރި ރިޕޯޓަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 22 އަހަރުގެ ފިރިހެނެކެވެ.

އޭނާ ހައްޔަރުކުރީ ވަގަށް ނަގާފައިވާ ކޭބަލްތަކެއް، ގެއެއްގެ ފާހަނާތެރޭގައި ބަހައްޓައިގެން އޭގައި ރޯކޮށްލައިގެން އުޅެނިކޮށެވެ. ފުލުހުން ވިދާޅުވީ ކޭބަލްތަކުގައި އޭނާ ރޯކޮށްލާފައި ވަނީ، އެ ކޭބަލްތަކުގެ ބޭރުގައި ހުރި އިންސިއުލޭޝަން ދުއްވާލުމުގެ ބޭނުމުގައި ކަމަށް ބެލެވޭ ކަމަށެވެ.

މި ހާދިސާ އާއި ގުޅިގެން ފުލުހުން ވަނީ އެގެޔަށްވަދެ ގިނައިރުތަކެއް ނުވެ ރޯކޮށްފައިވާ އަލިފާންގަނޑު ނިއްވާލާފައެވެ. މި ހާދިސާގައި އިމާރާތަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ބަލައި ތަހުޤީޤު ކުރަމުންނެވެ.