ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައިގެން ވަދެ ވަގަށްނެގި ވަކިލާރިތަކެއް ޖީބަށް އަޅަން ހުއްޓާ ފުލުހުން ގޮސް ވަގުކަލޭގެ ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ކިނބިގަސް މަގުގައި ހުރި ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައިގެން ވައްކަން ކޮށްގެން ނިކުމެ މެޓާ ހުސްކުރި ދަޅަކުން ވަކިލާރި ނަގައި ޖީބަށް އަޅަމުން ދިޔަ 29 އަހަރުގެ ފިރިހެނަކު ގަލޮޅު ޕޮލިސް އިން އަތުލައިގެންފައިވާ ކަމަށެވެ.

އޭނާގެ އަތުން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ 475.75 ރުފިޔާ ހޯދިފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައިގެން ވަގުކަލޭގެ ފިހާރައަށް ވަން ނަމަވެސް ވަކިލާރިތައް ފިޔަވައި އިތުރު ފައިސާއެއް އޭނާ އަށް ވަގަށް ނެގިފައެއް ނުވެއެވެ.

ފަހަކަށް އައިސް މާލޭގައި ވަނީ ވަށްކަންތައް އަނެއްކާވެސް ވަރަށް ބޮޑަށް އިތުރުވެފައެވެ. ޕާކް ކޮށްފައި ހުންނަ ވެހިކަލްތަކުގެ ބިއްލޫރިތައް ތަޅައިގެން ވެހިކަލްތަކުން ވައްކަން ކުރުން ވެސް ވަރަށް ބޮޑަށް ވަނީ އާއްމު ވެފައެވެ.