އިންޑިއާގެ ޗެއަރމަން އޮފް ޗީފްސް އޮފް ސްޓާފް ކޮމިޓީ އަދި ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް ބިޕިން ރަވަތު ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ އަރިހަށް މިއަދު އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު މިނިސްޓްރީ އޮފް ފޮރިން މިނިސްޓްރީގައެވެ.

އެ މިނިސްޓްރީން ވިދާޅުވީ، މިއަދުގެ މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ޖެނެރަލް ރަވަތު އަށް މަރުޙަބާ ވިދާޅުވެ، ދިވެހިރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކަށް އިންޑިއާގެ އަސްކަރިއްޔާއިން ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވާފައިވާކަމަށެވެ.

އަދި މިނިސްޓަރ ޝާހިދާއި ޖެނެރަލް ރަވަތު ވަނީ އިންޑިއާއާއި ދިވެހިރާއްޖޭގެ ގުޅުމާއި ބެހޭ ގޮތުންނާއި ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ އެކި ނުރައްކާތަކާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވާފައިވާކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

މިނިސްޓަރ ޝާހިދުގެ އަރިހުގައި މިބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ ސެކްރެޓަރީ، މަލްޓިލޭޓަރަލް ޑރ. އަލީ ނަސީރު މުހައްމަދު އާއި، އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރ ކާނަލް އަހުމަދު ތޯހިރުގެ އިތުރުން އިންޑިއާ ޑިވިޝަންގެ ޑިރެކްޓަރ މަރިޔަމް މިދުފާ ނައީމެވެ.