ގުޅީފަޅު މަޝްރޫއުގެ ދަށުން ފްލެޓް ގަތުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯއްދަވައިދެއްވެންދެން މި ކަމާއި ގުޅިގެން ކުރައްވަންޖެހޭ ކަންތައްތައް މީގެ ފަހުން ކުރިއަށް ގެންދަވާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބެއްލެވުމުގެ ދަށުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިގޮތަށް ވިދާޅުވީ، ގުޅިފަޅުން ފްލެޓް ގަތުމަށް ފައިސާ ދައްކާފައިވާ ބައެއް ފަރާތްތަކާއެކު މިއަދު މެންދުރު ރައީސް އޮފީހުގައި ކުރިއަށްގެންދިޔަ ބައްދަލުވުމެއްގައެވެ.

ރައީސް ސާލިހު ވަނީ، އެފަރާތްތަކާއި ބައްދަލުކުރައްވައި، އެ ފަރާތްތަކަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލު ކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި، ގުޅީފަޅު މަޝްރޫޢުގެ ދަށުން ފްލެޓް ގަތުމަށް ފައިސާ ދައްކާފައިވާ ފަރާތްތައް ވަނީ މި މައްސަލައަށް ޙައްލެއް ނުލިބި ގިނަ ދުވަސްތަކެއް ފާއިތުވެފައިވާކަން ފާހަގަކޮށް، މިކަމުގެ ސަބަބުން ކުރިމަތިވަމުންދާ ދަތިތަކާއި ކަންބޮޑުވުންތައް ރައީސް ސާލިހު އާއި ހިއްސާކުރައްވާފައެވެ.

އެ ފަރާތްތަކުން ޙިއްޞާ ކުރެއްވި ކަންބޮޑުވުންތަކާއި، މިކަމުގައި އެދިވަޑައިގަންނަވާ ގޮތްތައް އޮޅުންފިލުއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާވަނީ މި މައްސަލައަކީ ގިނަ އަހަރުތަކެއް ވެފައިވާ މައްސަލައެއްކަން ފާހަގަކުރައްވާ، މި މައްސަލައަށް ދާއިމީ އަދި އަވަސް ޙައްލެއް ހޯއްދަވައިދެއްވުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއްކަމަށް ވިދާޅުވެފައެވެ. އަދި، މިކަމުގައި ސަރުކާރަށް ކޮށްދެވޭނެ ކަންތައްތައް ބައްލަވާދެއްވާނެ ކަމަށާއި، މި މައްސަލައަށް ދާއިމީ ޙައްލެއް ހޯއްދަވައިދެއްވެންދެން މި ކަމާއި ގުޅިގެން ކުރައްވަންޖެހޭ ކަންތައްތައް މީގެ ފަހުން ކުރިއަށް ގެންދަވާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބެއްލެވުމުގެ ދަށުން ކަމަށް އެމަނިކުފާނު ވިދާޅުވެފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ މި މައްސަލައަކީ ގިނަ އަހަރުތަކެއް ވެފައިވާ މައްސަލައެއްކަން ފާހަގަކުރައްވާ، މި މައްސަލައަށް ދާއިމީ އަދި އަވަސް ޙައްލެއް ހޯއްދަވައިދެއްވުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއްކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު