ހައްޖު އުމްރާއަށާއި، އަދި ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަވުމުގެ ކުރިން ކާޑު އައުކުރެއްވުމަށް ސަމާލުކަން ދެއްވުމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން އިން އަންގައިފިއެވެ.

ނޭޝަނަލް ރެޖިސްޓްރޭޝަން އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ، ކާޑުގެ މުއްދަތު ހަމަހަށްވުރެ ކުރު މުއްދަތެއް އޮތްނަމަ، ކާޑު އައުކުރުމަށް ހުށަހެޅުއްވުމުން ކާޑު އައުކޮށްދޭނެ ކަމަށެވެ.

"މިހެންމިދެންނެވީ، ވަރަށްގިނަފަރާތްތަކުން ޙައްޖު، ޢުމްރާ އަށް ފުރާވަޑައިގަންނަވަން ވަރަށް ކައިރިކޮށް ކާޑުހެއްދުމަށް އެދި ހުށަހަޅަމުން ގެންދަވާތީއެވެ. އަދި ބައެއްފަރާތްތަކުން ހޮސްޕިޓަލް ގައި އެޑްމިޓްކުރުމަށްފަހުވެސް ކާޑުހެއްދުމަށް ހުށަހަޅުމުން ގެންދަވައެވެ". ނޭޝަނަލް ރެޖިސްޓްރޭޝަން ކުރި އިއުލާނުގައި ބުނެފައި ވެއެވެ.

އެ އިއުލާނުގައި ބުނެފައި ވަނީ، މިއަހަރަކީ ރިޔާސީ އިންތިޚާބެއް އޮންނައަހަރަކަށް ވާތީ، އިންތިޚާބު އޮންނަދުވަހާ ކައިރިކޮށް އެއްފަހަރާ ގިނަބަޔަކު ކާޑުހެއްދުމަށް ހުށަހަޅުއްވައިފިނަމަ، މިޑިޕާޓްމަންޓަށްވެސް އަދި ޚިދުމަތް ހޯއްދެވުމަށް އެދިވަޑައިގަންނަވައި ފަރާތްތަކަށްވެސް ވަރަށްބޮޑު ދަތިތަކެއް ކުރިމަތިވެދާނެ ކަމަށެވެ.

އެހެންކަމުން މުއްދަތު ހަމަވެފައި ނުވަތަ ހަމަވާން ކައިރިވެފައި ނުވަތަ އައިޑީ ގެެއްލިޖެނަމަ ވީހާވެސް އަވަހަކަށް އައިޑީކާޑު ހެއްދުމަށް ހުށަހެޅުމަށް އެ ޑިޕާޓްމެންޓުން އެދެއެވެ.

ކިޔުންތެރިންގެ ހިޔާލު