މަސްވެރިކަމަށް ނުކުމެ އުޅުނު ދޯންޏެއްގައި މަސްވެރިއެއްގެ ލޮލަށް އަނެއްކާވެސް ބުޅިއެއް ހެރިއްޖެއެވެ.

މިފަހަރު ބުޅިއެއް ހެރިފައިވަނީ ހދ. ކުޅުދުއްފުށީ އިރު ދެކުނުން ބޭރުގައި މަސްވެރިކަން ކުރަން އޮތް "ރޯދި 3" ނަމަކަށް ކިޔާ ދޯންޏެއްގައި ހުރި 58 އަހަރުގެ މަސްވެރިއެއްގެ ލޮލަށެވެ.

އެމްއެންޑީއެފުން ވިދާޅުވި ގޮތުގައި އެހާދިސާގެ މައުލޫމާތު މިއަދު ހެނދުނު 10:46 ހާއިރު ލިބުމާ ގުޅިގެން ވަގުތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށާއި އެގޮތުން މީހާ އަށް ސިއްހީ އިތުރު އަވަސް ފަރުވާ ދިނުމަށް މެޑިކަލް ޓީމަކާއި އެކު ނޮދަން އޭރިއާގެ ސީ އެމްބިއުލާންސް ގައި ދޯނި އޮތް ސަރަހައްދަށް ގޮސް، ހދ. ކުޅުދުއްފުއްޓަށް މެންދުރު 12:10 ހާއިރު ވަނީ ގެންގޮސްފައެވެ.

މިހާދިސާގައި މަސްވެރިޔާގެ ހާލަތާއި ބެހޭ ތަފްސީލެއް އަދި އެއްވެސް ފަރާތަކުން ނުލިބެއެވެ.

މީގެ ކުރިންވެސް ޅ. އަތޮޅުގައި މަސްވެރިކަން ކުރަން އޮތް ދޯންޏެއްގައި ހުރި މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން އެމްއެންޑީއެފް ނޮދަން އޭރިއާއިން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

ދޮށީގެ މަސްވެރިކަން ކުރުމުގެ ތެރޭގައި ލޮލަށް ބުޅި ހެރިގެން މަސްވެރިންނަށް އަނިޔާވުމަކީ ވަރަށް އާއްމު ކަމެކެވެ. ނަމަވެސް ސަލާމަތީ ގޮތުން މަސްވެރިން ފިޔަވަޅެއް އަޅައިގެން ތިބޭ މަންޒަރު އާއްމުކޮށް ނުފެނެއެވެ.