ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހުސްވެފައިވާ މަގާމަށް ޑްރަގް ކޯޓުގެ ގާޒީ މަހާޒް އަލީ ޒާހިރާއި ކުރީގެ ބަންޑާރަ ނައިބު ފާތުމަތު ދިޔާނާ އައްޔަން ކުރުމާމެދު ޚިޔާލު ހޯދުމަށް މަޖިލީހުގެ ކޮމެޓީއަށް ފޮނުވުން މާދަމާ އަށް އެޖެންޑާ ކޮށްފިއެވެ.

މި ދެބޭފުޅުންގެ ނަން މަޖިލީހަށް ފޮނުވާފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

އެގޮތުން މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އޮތީ އެ މައްސަލަ ޖުޑިޝަރީ ކޮމެޓީއަށް ފޮނުވުމެވެ. އެ މައްސަލަ ޖުޑިޝަރީ ކޮމެޓީ އިން ދިރާސާ ކުރުމަށް ފަހު ފޮނުވާނީ މަޖިލީހުގެ ތަޅުމަށެވެ. އެ މައްސަލައާ މެދު ވަކި ގޮތެއް ނިންމާނީ ތަޅުމުންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ލަފަޔަށް ހުށަހެޅުއްވި މަހާޒްގެ ނަމެވެ. އަދި އޭގެ ފަހުން އެ ކޯޓުގެ ފަނޑިޔާރުކަމަށް ހުޅުވާލި ފުރުސަތުގައި ދިޔާނާ ވަނީ ކުުުރިމަތިލައްވާފައެވެ. މި ދެބޭފުޅުންގެ އިތުރުން, އެ މަގާމަށް ކުރިމަތި ލެއްވި އެހެން ބޭފުޅުންނާއި އިންޓަވިއުކޮށް އޭގެ ތެރެއިން ދިޔާނާ އާއި މަހާޒްގެ ނަން މަޖިލީހަށް ފޮނުވަން ޖޭއެސްސީން ރައީސަށް ލަފާ އެރުވީ ހައިލި ރިކޮމެންޑް ކުރާ ބޭފުޅުންގެ ގޮތުގައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމު ހުސްވީ، އެ ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި ހުންނެވި އަބްދުﷲ ދީދީ އެ މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމުމާއި ގުޅިގެންނެވެ.