މިއަދު ހެނދުނު އާޓިފިޝަލް ބީޗް ސަރަހައްދުން ނިޔާވެފައި އޮއްވާ ފެނުނު މީހާ އަކީ ކާކުކަން ހޯދަން އާއްމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

ފުލުހުން ބުނެފައިވަނީ އާޓިފިޝަލް ބީޗުގައި ހުރި ގޮނޑި އެއްގައި ދޮށީ އުމުރުގެ ފިރިހެނަކު ހާލުދެރަވެފަ އިން ކަމުގެ މައުލޫމާތު މިއަދު 06:26 ހާއިރު ފުލުހުންނަށް ލިބިފައި ވާކަމަށާއި އެއާއިއެކު އެމީހާ އޭޑީކޭއަށް ގެންގޮސްފައިވާކަމަށެވެ. އަދި އެމީހާއަކީ ކާކުކަން ދެނެގަނެވިފައި ނުވާތީ، އޭނާ އަކީ ކާކުކަން ދެނެގަތުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންކަމަށެވ.

އެއްވެސް ފަރާތަކުން ދޮށީ އުމުރުގެ ފިރިހެނެއްގެ (ހުދު ތުންބުޅި އަކާއި މަތިމަހެއް ހުރި ފިރިހެނެއް) ހަބަރެއް ވެފަ ނުވާނަމަ ނުވަތަ ވީތަނެއް ނޭނގި ގެއްލިގެން އުޅޭ ނަމަ، ފުލުހުންގެ ނަމްބަރު ‭3322111‬ އަށް ގުޅުއްވާ މައުލޫމާތު ހިއްސާ ކުރެއްވުމަށް ފުލުުހުން ވަނީ އެދިފައެވެ.

އޭޑީކޭ ހޮސްޕިޓަލުން ބުނީ, ކާކުކަން ނޭނގޭ އުމުރުން 50 އަހަރާއި 60 އަހަރާއި ދެމެދުގެ އުމުރެއްގެ މީހަކު އާޓިފިޝަލް ބީޗުން އެ ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށެވެ.

އަދި އެ މީހާ އޮތީ ނިޔާވެފައި ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.