މޯލްޑިވިއަން ޑިމޮކްރެސީ ނެޓުވޯކް، އެމްޑީއެންގެ ޑެޕިއުޓީ ޗެއާމަންގެ ގޮތުގައި މިހާރުވެސް ހުންނެވީ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު، އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިގޮތަށް ތުހުމަތު ކުރެއްވީ އެމްޑީއެންއާ ދެކޮޅަށް ފިޔަވަޅު އެޅުމަށާއި، އެ ޖަމިއްޔާ އުވާލުމަށް ގޮވާލާ ޕީޕީއެމް-ޕީއެންސީގެ ފަރާތުން މިރޭ ޕީޕީއެމް އޮފީހުގެ ކުރިމަތީގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަމުންނެވެ.

އެމްޑީއެންގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ މަޢުލޫމާތު ހޯދަން ޕީޕީއެމްގެ މަޖިލިސް މެމްބަރު، އަހްމަދު ތާރިޤު ޔޫތް މިނިސްޓްރީ އަށް ފޮނުއްވި ސިޓީ އަށް 3 ދުވަސްވީއިރުވެސް ޖަވާބެއް ލިބިފައިނުވާ ކަމަށާއި، ޔޫތް މިނިސްޓަރު މިހާރުވެސް ފެއިލްވެފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އެމްޑީއެންގެ ބޯޑުގައި ތިބި މީހުން އެނގޭ ކަމަށާއި، މިހާރުވެސް އެ ޖަމިއްޔާގެ ޑެޕިއުޓީ ޗެއާމަނެއްގެ ގޮތުގައި ހުރީ ފުލުސް ކޮމިޝަނަރު، މުހައްމަދު ހަމީދު ކަމަށް ޝިޔާމް ތުހުމަތު ކުރެއްވިއެވެ.

"އަޅުގަނޑުމެންނަށް އެމްޑީއެން ބޯޑުގައި ތިބި މީހުން ނޭނގިގެނެއް ނޫން. އަޅުގަނޑުމެން ބޭނުންވަނީ ސަރުކާރުގެ، ޔޫތް މިނިސްޓްރީގެ ލެޓަރ ހެޑުގައި އެ މަޢުލޫމާތު ރަސްމީ ގޮތުން ހޯދަން. އެމްޑީއެންގެ ޑެޕިއުޓީ ޗެއާމަން އަކީ މިހާރުވެސް މި ސަރުކާރުގެ ޕޮލިސް ކޮމިޝަނަރަކަށް ހުރި ހަމީދު. އެހެންވެ އަޅުގަނޑުމެން މިގޮވާލަނީ އެމްޑީއެން ހަމީދު މިހާރުން މިހާރަށް އިސްތިޢުފާ ދޭށޭ." ޝިޔާމް ވިދާޅުވިއެވެ.

ސިޔާސީ ކަންކަމަށްވުރެ ކުރިން ފުރަތަމަ އަންނަނީ އިސްލާމްދީން ކަމަށާއި، ސިޔާސީ ޕާޓީއަކަށް ވާތީ، ދީނުގެ ވާހަކަ ނުދެއްކޭނޭ ކިޔަސް، ދީން ޙިމާޔަތް ކުރުމަށް ފަހެއް ނުޖެހޭނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސްގެ މަޤާމުވެސް ފުރުއްވަމުންދާ ޝިޔާމް ވިދާޅުވިއެވެ.

"މި ސަރުކާރަށް އަޅުގަނޑުމެން މިދަންނަވަނީ މާ ގިނަ ކަންކަމެއް ކުރާކަށެއް ނޫން. ދިވެހި ޤައުމު ދަވާލާތީ، އަޅުގަނޑުމެން "ދަވާލީ" ނަމުގައިވެސް ޖަލްސާއެއް ބޭއްވިން، އެ ވާހަކަތައް ރައްޔިތުންނަށް ކިޔައިދޭން. އިސްލާމްދީނާ ދެކޮޅަށް މަސައްކަތް ކުރާ ޖަމާޢަތަކާ ގުޅިގެން މަސައްކަތް ކުރާތީ. އެކަމާ ގުޅިގެން އަޅުގަނޑުމެން އަޑުއުފުލާނަން." ޝިޔާމް

އެމްޑީއެން އަކީ ރާއްޖެއިން އިސްލާމް ފޮހެލުމަށް މަސައްކަތް ކުރާ ޖަމާޢަތެއް ކަމަށާއި، މިއަދުގެ ސަރުކާރުން އޮތީ އެ ޖަމާޢަތާ ދެކޮޅަށް އެއްޗެއް ބުނަންވެސް ނުކެރިގެން ކަމަށް ޝިޔާމް ވިދާޅުވިއެވެ. "އަޅުގަނޑުމެން މިތިބީ މި ލާދީނީ ޖަމާޢަތް ކުޑަ ކުރަން، ސައިޒު ކުރަން ތައްޔާރަށް. އަޅުގަނޑުމެން މި ޖަމާޢަތް ފުނޑާލާނަން." ޝިޔާމް ވިދާޅުވިއެވެ.

މިރޭގެ މި އެއްވުމުގައި ޕްރޮގްރެސިވް ކޯލިޝަނަށް ނިސްބަތްވާ ގިނަ ލީޑަރުންނާއި އެމްޑީއެން އާއި ދެކޮޅު ގިނަ އަދަދެއްގެ ރައްޔިތުން ދަނީ ބައިވެރިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލޮލް

    އެމްޑީއެންގެ ދަށުވެގެން ސޯލިހުގެ ކަންތައް ތިޔަދަނީ. ހަމީދު އިސްތިއުފާދޭންވެއްޖެ އެންނު

    23
  2. ސައްދާމް

    ރާއްޖޭގައި އަސްލުގަވެސްތިބީކީ އެހާ ފުރިހަމަ މުސްލިމުންނެއްނޫން އެހެންނޫންނަމަހީކީ ލާދީނީ ބައިގަނޑު މިހާރު ފޮހެލަފާނެ.

    20