މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން އިސްލާމް ދީނާއި ދެކޮޅު ވާހަކަތައް ހިމަނައިގެން ނެރެފައިވާ ރިޕޯޓް ރ. ރަސްމާދޫ ކައުންސިލް އިދާރާއިންވެސް ކުށްވެރި ކޮށްފިއެވެ.

ރަސްމާދޫ ކައުންސިލުން ނެރެފައިވާ ނޫސްބަޔާނެއްގައި ވިދާޅުވީ، އެމްޑީއެން އިން "ޕްރިލިމިނަރީ އެސިސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް"ގެ ނަމުގައި ނެރެފައިވާ ރިޕޯޓްގައި މާތްވެގެންވާ އިސްލާމްދީނަށާއި ކީރިތި މާތް ނަބިއްޔާ މުހައްމަދު ސައްލަﷲ އަލައިހި ވަސައްލަމް އަށް ވަރަށް ބޮޑަށް ފުރައްސާރަކޮށް އިހާނެތި ބަސްތައް ލިޔެފައިވާކަމަށެވެ. އަދި އެކަން އެރަށު ރައްޔިތުންނާއި ކައުންސިލުން ކުށްވެރި ކުރާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި އެޖަމިއްޔާއިން ހިންގި އިސްލާމް ދީނާއި ހިލާފު ދަށު ދަރަޖައިގެ މި އަމަލަކީ އެއްވެސް ގޮތަކުން ބަލައިގަނެވޭނެ އަމަލެއް ނޫންކަމުގައިވެސް އެރަށު ރައްޔިތުންނާއި އެރަށު ކައުންސިލުން ދެކޭ ކަމަށް ބަޔާނުގައި ވެއެވެ.

އަދި އެމްޑީއެންގެ މި އަމަލަކީ ދިވެހިންގެ މެދުގައި އޮންނަ ދީނީ އެއްބައިވަންތަކަމަށް ބުރޫއަރާފަދަ ފަސާދައިގެ އަމަލެއްކަމުގައިވެސް އެ ކައުންސިލުން ދެކޭކަމަށް އެ ބަޔާނުގައި ވެއެވެ.

އެރަށު ކައުންސިލްގެ ބަޔާނުގައި އިތުރަށް ވިދާޅުވެފައިވަނީ ސައްތައިން ސައްތަ ދިވެހިރާއްޖޭގައި އެމްޑީއެން އިން މިހިންގި އިސްލާމް ދީނާއި ހިލާފު ދަށު ދަރަޖައިގެ އަމަލުތައް ބައްލަވައި އެ އަމަލުތައް ހިންގި ފަރާތްތަކާއި ޖަމްއިއްޔާ އަށް ހަރުކަށި ފިޔަވަޅު އެޅުއްވުމަށް ސަރުކާރަށް އިލްތިމާސްކުރާ ކަމަށެވެ.

އެމްޑީއެންގެ އެ ރިޕޯޓާއި ގުޅިގެން ރާއްޖޭގެ ގިނަ ކައުންސިލް ތަކުން އެ ރިޕޯޓާއި، ޖަމިއްޔާ ކުށްވެރިކޮށް ބަޔާން ނެރެފައި ވެއެވެ. އަދި އެ ޖަމިއްޔާ އުވާލަން ގޮވާލާ އަޑުއުފުލާގައިވެސް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަޓޯ

    މުޅިރާއްޖެ ތިއެއްޗެއް ކުއްވެރިކުރިއަކަސް އެއްކަމެއްވެސް ނުވާނެ... މިރާއްޖޭގަ އުޅެނީ އައިސިސް މީހުނޭ ސަރުކާރުން ބުނާއިރު ސަރުކާރު ހިންގަންތިބީ ހުސް އެތިސްޓުން...

  2. އިންސާނާ

    ތިބަޔާންތައް ނެރުމުގެ މާ ބޮޑުބޭނުމެއްނެއް ސަބަބަކީ ތިޔަކަމަކާ ސަރުކާރުން ފިއަވަޅެއްނާޅާނެ ދެން ދުވަސްކޮޅަކުން ދިވެހިންގެތެރެއިން މިއަޑުކެނޑިދާނެ އެހިސާބުން އެމްޑީއެން ދެވަނަރިޕޯޓަކަށްތައްޔާރުވާނެ އެރިޕޯޓުނެރޭއިރު އެރިޕޯޓާއެކު އެއްޖިންސުންގުޅުންހިންގާންބޭނުންމީހުން އަތުގުޅާލާފަނިކުންނާނެ