މިއަހަރު ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު، މި އެޕްރީލް މަހުގެ 15 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 2:00 އަށް ހަމަވާނެކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން މިއަދު އެއޮފީހުގެ ސައިޓްގައި އާއްމުކޮށްފައިވާ މައުލޫމާތުގައި ބުނެފައިވަނީ ޤައުމީ އިނާމަށް އެދި ހުށަހަޅާ ފޯމުތައް ފޮނުއްވަންޖެހެނީ، ޤައުމީ އިނާމާބެހޭ ކޮމިޓީއަށް އެޑްރެސް ކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށްކަމަށެވެ. އަދި ޤައުމީ އިނާމަށް ނަން ހުށަހަޅާ ފޯމު، ރަސްމީ ގަޑީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ލިބިވަޑައިގަންނަވާނެކަމަށާއި އެއޮފީހުގެ ވެބްސައިޓް އިންވެސް ޑައުންލޯޑް ކުރެއްވޭނެކަމަށް އެއޮފީހުން އާއްމު ކުރި މައުލޫމާތުގައި ވެއެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް މިއަހަރު ނަން ހުށަހެޅުމުގެ ފުރުޞަތު، ޚާއްޞަ އިނާމާބެހޭ ކޮމިޓީން މި މަހުގެ ތެރޭގައި ހުޅުއްވާލައްވާނެކަމަށްވެސް ރައީސް އޮފީހުން ހާމަކުރެއެވެ. އަދި މިއަހަރުވެސް ސަރުކާރުގެ އިދާރާތަކުންނާއި، މިނިވަން މުއައްސަސާތަކުން ޤައުމީ އިނާމަށް ނަން ހުށަހެޅުއްވޭ ގޮތަށް ވަނީ ހަމަޖައްސަވާފައިކަމަށާއި ޤައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، ޤައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުންނާއި، ކުންފުނި، ޖަމުޢިއްޔާ ޖަމާޢަތް ފަދަ ތަންތަނުންވެސް ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް، ނަން ހުށަހެޅޭގޮތަށް ވަނީ ހަމަޖައްސަވާކަމަށްވެސް ރައީސް އޮފީހުންވަނީ ވިދާޅުވެފައެވެ.

މިއަހަރު ޤައުމީ އިނާމާއި ޚާއްޞަ އިނާމު ދެއްވާނީ، މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ އިޙްތިފާލުގައެވެ.