މަޖިލިސް މެންބަރުންގެ ގާބިލިއްޔަތު ކަމަށް ނުވިސްނައި މެނަބަރުން އިންތިހާބު ކުރުމަށް ފަހު އެހެން ބައެއްގެ ގާބިލިއްޔަތު ކުރުުގެ ބޭނުމެއް ނެތް ކަމަށް ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުފަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވެފައިވަނީ ދައުލަތުގެ މީޑިއާ (ޕީއެސްއެމް) އާއި ވާހަކަ ދައްކަވަމުން ލޯކަލް ގަވަރުމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޝަރީފް އަހުމަދު ލާމަރުކަޒީ ގާނޫނަށް އަންނަ ބަދަލުތައް ތަންފީޒު ކުރެވޭނީ ކައުންސިލަރުންގެ ގޮތުގައި ގާބިލު ބަޔަކު އައްޔަން ކޮށްގެން ކަމަށް ވިދާޅުވުމުންނެވެ. "ވަގުތު" އަށް މައުލޫމާތު ދެއްވަމުން އާދަމް ޝަރީފް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ކައުންސިލަރުންނަށް ވުރެ ބޮޑު ޒިންމާއެއް މަތިކޮށްފައިވާ ބައެއް ކަމަށާއި އެހެން ނަމަވެސް މަޖިލިސް މެންބަރުން އިންތިހާބު ކުރުމަށް ބޭނުން ވަނީ ހަމައެކަނި "ލިޔަން ކިޔަން އެނގުން" ކަމަށެވެ.

"އެލްޖީއޭ އިން ކައުންސިލަރުން އަދި މާ ދަށްބައެއްގެ ފެންވަރު ރަނަގަޅު ކުރުމަށް މަސައްކަތް ކުރަމުން ދާއިރު މަޖިލިސް މެންބަރުންގެ ގޮތުގައި ތިއްބަވަނީ ހަމައެކަަނި ލިޔަން ކިޔަން އެނގޭ މީހުން. މެނަބަރަކަށް ވުމަށް ހަމައެކަނި ލިޔަން ކިޔަން އެނގުނީމަ އެއީ ނިމުނީ. ރައްޔިތުންނަށް ދެން ދޫކޮށްލަނީ" އާދަމް ޝަރީފް ވިދާޅުވިއެވެ.

ޕީއެސްއެމް އަށް ދެއްވި ބަސްތީގަތުމެއްގައި އެލްޖީއޭގެ ޑިރެކްޓަރ ޖެނެރަލް ވިދާޅުވެފައި ވަނީ ރަށު ކައުންސިލަށް މީހުން އައްޔަން ކުރުމުގައި ރަށްރަށުގައި ތިބޭ ގާބިލް އަދި އިލްމީ މީހުންނަށް އިސްކަން ދިނުން މުހިންމު ކަމަށެވެ. އަދި އެފަދައިން އެކަން ކުރެވިއްޖެ ނަމަ ސަރުކާރުން ގެނައުމަށް ހަމަޖެހިފައިވާ ލާމަރުކަޒީ ގާނޫނަށް ފުރިހަމަޔަށް އަމަލު ކުރެވޭނެ ކަމުގައި އޭނާ ވަނީ ވިދާޅުވެފައެވެ.

ލާމަރުކަޒީ ގާނޫނަށް ގެންނަ ބަދަލުތަކާއި އެކު ކައުންސިލް ތަކުގެ ހިންގުމަށް ގިނަ ބަދަލުތަކެއް ގެނައުމަށް މަޖިލީހަށް ވަނީ ހުށަހަޅާފައެެވެ. އަދި ކައުންސިލް ހިންގުމަށްޓަކާ ސަރުކާރުން 1.6 ބިލިއަން ރުފިޔާގެ ބަޖެޓެއް 2020 ވަނަ އަހަރަށް ސަރުކާރުން ވަނީ ކަނޑައަޅާފައެެވެ. އެއީ ދައުލަތުގެ ބަޖެޓުގެ 5 އިންސައްތައެވެ.