ކިތަންމެ ބަޖެޓު ބޮޑުވި ކަމުގައި ވިއަސް، އަޅުގަނޑުމެން ރައްޔިތުންގެ ޖީބަށް ލިބޭ އެއްޗެއް ބޮޑު ނުވާ ކަމަށްވަންޔާ އެއިން ރައްޔިތުންނަށް ކުރާނެ އެއްވެސް ފައިދާއެއް ނޯންނާނެ ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ އޭދަފުށީ ދާއިރާގެ މެމްބަރު ރެޑްވޭވް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށްދާ 2020 ވަނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓާއި ގުޅޭގޮތުން މަޖިލީހުގައި ބަހުސްކުރައްވަމުން ސަލީމް ވިދާޅުވީ، ދައުލަތުގެ ބަޖެޓު ބޮޑުވާ މިންވަރަކުން ރާއްޖޭގެ އާއްމު ރައްޔިތުންގެ ހާލަތު ވެސް ރަނގަޅު ވެގެން ދާން ޖެހޭނެ ކަމަށާއި އެހެން ނޫން ނަމަ އެ ބަޖެޓު ބޮޑު ކުރުމުގެ އެއްވެސް ބޭނުމެއް ނޯންނާނެ ކަމަށެވެ.

ސަލީމް ވިދާޅުވީ، އާމްދަނީ ނުލިބޭ މިންވަރަށް ބަޖެޓު ފާސްކޮށްގެން ގޮއްސިއްޔާ ނިޒާމް އިތުރަށް ގޯސްވެގެން ގޮސް ޑޮލަރުގެ އަގު މައްޗަށްވެސް ހިނގައިދާނެ ކަމަށާއި އެގޮތަށް ވެއްޖެނަމަ ތަކެތީގެ އަގު ބޮޑުވެ ބުރަތަކަކެއް އުފުލަން ޖެހިދާނެ ކަމަށެވެ.

"އަޅުގަނޑުމެން އާމްދަނީ ނުލިބޭ މިންވަރަށްވުން އަނެއްކާވެސް ބަޖެޓް ފާސްކޮށްގެން އެމައްސަލަ ގޮއްސިއްޔާ މިނިޒާމް އަނެއްކާ އިތުރަށް ގޯސްވެ، ޑޮލަރުގެ އަގު މައްޗަށްގޮސް، މިކަހަލަ މައްސަލަ ދިމާވެދާނެބާއޭ. ދިމާނުވާނެ ގޮތަކަށް އަޅުގަނޑު އެދެން ބައްޓަން ކުރަން. އެހެން ވެއްޖެ ކަމަށް ވެއްޖެއްޔާ އަނެއްކާވެސް އަޅުގަނޑުމެންނަށް ތަކެތީގެ އަގު ބޮޑުވެ އިންތިހާއަށް ބޮޑެތި ބުރަ އުފުލަން ޖެހިގެން ދާނެ" ސަލީމް ވިދާޅުވިއެވެ.

އެ ޖަލްސާގައި ވާހަކަ ދައްކަމުން ސަލީމް ވަނީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރަށް، އޭނާގެ ކަންބޮޑުވުމެއްވެސް ދަންނަވާފައެވެ. އެގޮތުން ސަލީމް ވިދާޅުވީ، އޭނާ އެންމެ ކަންބޮޑުވާ ކަމަކީ ޑޮލަރުގެ އަގު އެއްވަރެއްގައި މީގެ ކުރިން ހިފެހެއްޓިގެން ދިޔަ ގޮތަށް ބޭންކުން މީގެ ކުރިން ދޫކުރަމުން އައިސް މިހާރު އެކަން ކޮންޓަރޯލް ކުރުން ކަމަށެވެ.

"އަޅުގަނޑު އެންމެ ކަންބޮޑުވާ ކަމަކީ ޑޮލަރުގެ އަގު އެއްވަރެއްގައި މީގެ ކުރިން ހިފެހެއްޓިގެން ދިޔަ ގޮތަށް އެއްމިންވަރަށް ޑޮލަރު ގަންނަން ބޭންކް ތަކުން ދޫކުރި. މިހާރު ބޭންކްތަކުން ޑޮލަރު ވިއްކުން ކޮންޓްރޯލް ކޮށްފި. އެހެންވީމަ މިދަނީ ނުރައްކާތެރި ވައްތަރަކަށް. މިކަން ދެކޮޅު ޖެއްސުމައްޓަކައި ފިނޭންސް މިނިސްޓަރު މިކަމަށް ވިސްނާވަޑައިގަތުމަށް އަޅުގަނޑު ވަރަށް ބޮޑަށް އެދެން" ސަލީމް ވިދާޅުވިއެވެ.

ސަލީމް ވަނީ 2020 ވަނަ ބަޖެޓުން ރިކަރަންޓް ހަރަދުގެ ގޮތުގައި އޮތީ ވަރަށް ބޮޑު އަދަދެއް ކަމަށްވެސް ވިދާޅުވެފައެވެ. އަދި އެފައިސާއިން ރައްޔިތުންނަށް އެއްވެސް ކަހަލަ ފައިދާއެއް ނޯންނާނެ ކަމަށް ވިދާޅުވެފައެވެ. އެފައިސާއިން ހަރަދު ކުރާނީ އޮފީސްތަކަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ރިކަރެންޓް ހަރަދަކީ ހަގީގަތުގައި އެއީ ވަކި ގޮތަކަށް އެކުލެވިގެންދާ އެއްޗެއް. އެއީ ރައްޔިތުންނަށް ތަރައްގީގެ މަގުގައި އެއްވެސް ކަހަލަ ފައިދާއެއް މާބޮޑު ލިބޭނެ އެއްޗެއް ނޫން ރިކަރެންޓް ހަރަދަކީ. މައިގަނޑު ގޮތަކަށް އޮފީސްތަކުގެ ގޮޑި މޭޒުތަކަށް ހަމަ ކޮންމެ އަހަރަކު ބަދަލު ކޮށްލާނެ. ކޮމްޕިއުޓަރު ސިސްޓަމް ހީވާނީ އެމެރިކާގެ ނާސާގައި ހުންނަ ސިސްޓަމްތަކަށް ވުރެވެސް ވަރުގަދަ ސިސްޓަމްހެން" ސަލީމް ވިދާޅުވިއެވެ.