ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދުގެ ސުލޫކީ މައްސަލައިގެ އަޑުއެހުމަށް ހާޒިރުވާން އުޒުރުވެރިވާތީ މިއަދަށް ތާވަލުކުރި އަޑުއެހުން ވެސް ކެންސަލްކޮށްފިއެވެ.

ފަނޑިޔާރު އާދަމް މުހައްމަދުގެ ސުލޫކީ މައްސަލަ ބަލަން ތާވަލުކޮށްފައި ވަނީ މިއަދު 15:00ގައެވެ. އެ މައްސަލަ ކުރިއަށް ގެންދަން ނިންމާފައި އޮތީ ހުޅުވާލައިގެންނެވެ.

އަދި އެ އެ އަޑުއެހުމަށް ހާޒިރުވެވެން ނެތް ކަމަށް ފަނޑިޔާރު އަންގާފައިވާތީ މިހާރު ވަނީ އަޑުއެހުން ކެންސަލްކޮށްފައެވެ. ފަނޑިޔާރު އަޑުއެހުމަށް ހާޒިރުވާން އުޒުރުވެރިވި ސަބަބު ޖޭއެސްސީއިން ހާމަކޮށްފައެއް ނުވެއެވެ.

ފަނޑިޔާރު އާދަމް މުހައްމަދު އާ ގުޅޭގޮތުން ޖޭއެސްސީން ބަލަމުންދާ މައްސަލާގެ އަޑުއެހުން ބާއްވަން މި މަހުގެ ހަތަރު ވަނަ ދުވަހަށް ތާވަލު ކުރިއެވެ. އެހެން ނަމަވެސް އެ އަޑުއެހުން ވަނީ ފަސްކޮށްފައެވެ.

އެ އަޑުއެހުން ފަސްކޮށްފައި ވަނީ، އޭނާ ދަތުރެއްގައި ފުރާވަޑައިގަަންނަވާތީ އެވެ.

ފަނޑިޔާރު އާދަމް މުހައްމަދުގެ މައްސަލައިގެ އެންމެފަހުން ބޭއްވި އަޑުއެހުމުގައި ވަނީ ވަކީލަކު ހޯދުމަށް އެންމެފަހު ފުރުސަތު ދީފައެވެ. އަދި ދެން އޮންނަ އަޑުއެހުމަށް ވަކީލަކު ހާޒިރުވެ ވަޑައިނުގެންނެވި ނަމަވެސް އަޑުއެހުން ކުރިއަށްގެންދާނެ ކަމަށް މައްސަލަ ބަލާ ޖޭއެސްސީގެ މައްސަލަ ބަލާ ކޮމެޓީން ވަނީ ވިދާޅުވެފައެވެ.