ރާއްޖޭގައި ފުރަތަމަ ފަހަރަށް ފަށާ އެމްބީބީއެސް ކޯހުގައި ކިޔެވުމުގެ ފުރުސަތު ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ހުޅުވާލައިފިއެވެ.

ޑޮކްޓަރުކަމުގެ މި ކޯސް އެމްއެންޔޫގެ ދަށުން ޖުލައި މަހު ފަށަން މިހާރު އަންނަނީ ތައްޔާރުވަމުން އަންނައިރު، މިދިޔަ އާދިއްތަ ދުވަހު އެ ކޯހަށް ކުރިމަތިލުމަށް ވަނީ ހުޅުވާލާފައެވެ.

މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 22 ވާ އާދިއްތަ ދުވަހުން ފެށިގެން އަންނަ ޖޫން މަހުގެ 14ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

އެމްއެންޔޫ އިން އެމްބީބީއެސް ކޯސް ހިންގާނީ އަލަށް ގާއިމްކުރާ މެޑިކަލް ކޮލެޖް ހުޅުވަންދެނެވެ.

މި ކޯހުގައި ބައިވެރިވުމުގެ ޝަރުތުގެ ގޮތުގައި، ޖީސީއީ އޭލެވެލްއިން ތިން މާއްދާ އާއި އޯލެވެލްއިން ފަސް މާއްދާއިން މަދުވެގެން ފާސްވާން ޖެހެއެވެ. ފާސްވެފައިވާ މާއްދާތަކުގެ ތެރޭގައި، ބަޔަލޮޖީ، ކެމިސްޓްރީ، ފިޒިކްސް، ހިސާބާއި އަދި އިނގިރޭސި މާއްދާ ހިމެނެން ޖެހޭނެކަމަށް ބުނެފައި ވެއެވެ.

މިއީ ފަސް އަހަރު ދުވަހުގެ ކޯހެކެވެ. މި ކޯސް ނިންމާލުމަށްފަހު އެއް އަހަރު ދުވަހުގެ އިންޓާންޝިޕެއް ހަދަން ޖެހެއެވެ.

މި ކޯހުގައި ފުރުސަތު ދޭނީ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ފުރަތަމަ ހުށަހަޅާ 50 ދަރިވަރުންނަށްކަމަށް އެމްއެންޔޫ އިން ބުންޏެވެ.