ހެލްތް މިނިސްޓްރީން ޕީސީއާރު އަދި އެކްސްޓްރެކްޝަން މެޝިނެއް ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އަށް ހަދިޔާ ކޮށްފިއެވެ.

ހެލްތް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން އެ ތަކެތި ހަވާލުކުރުމަށް ސޮއިކޮށްފައިވަނީ ސްޓޭޓް މިނިސްޓަރު އަހްމަދު އާދިލް އެވެ. އެ ތަކެއްޗާއި ގައުމީ ޔުނިވަރސިޓީއިން ހަވާލުވެފައިވަނީ ޑީން ފެކަލްޓީ އޮފް ހެލްތު ސައިންސަސް ޑރ.އައިޝަތު ސަނޫރާ އެވެ.

ހެލްތް މިނިސްޓްރީއިން ބުނީ ރާއްޖޭގެ ސިއްހީ ނިޒާމު އިތުރަށް ހަރުދަނާކޮށް މީހުން ބިނާ ކުރުމަށް ވަރަށް މުހިއްމު ދައުރެއް އަދާ ކުރާ އެއް ތަނަކީ ރާއްޖޭގެ ގައުމީ ޔުނިވަރސިޓީ ކަމަށެވެ. ކޮވިޑްގެ ތަޖުރިބާ އަށް ބަލާ ލެބޯރެޓަރީ ޓެކްނޮލޮޖިސްޓުން އަދާ ކުރި މުހިއްމު ދައުރު ފާހަގަކުރާ ކަމަށް މިނިސްޓްރީއިން ބުނެ އެވެ.

ޕީސީއާރު އަދި އެކްސްޓްރެކްޝަން މެޝިނެއް އެމްއެންޔޫއަށް ހަދިޔާ ކުރީ އިތުރަށް އެދާއިރާ ދަރިވަރުން ހަރުދަނާކުރުމަށް ކަމަށް މިނިސްޓްރީއިން ބުނެ އެވެ.

ރާއްޖޭގައި ކޮވިޑަށް ފައްސިވާ އަދަދުތައް ވަރަށް ބޮޑަށް ދަށަށް ގޮސްފައި ވަނިކޮށް، އަނެއްކާވެސް އެ ބައްޔަށް ފައްސިވާ މީހުންގެ އަދަދު މި ވަނީ އިތުރުވާން ފަށައިފައެވެ.

އެގޮތުން މިއަދު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާއްމު ކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކުގައިވާ ގޮތުން މި މަހުގެ ދެވަނަ ދުވަހުން ފެށިގެން އަށްވަނަ ދުވަހުގެ ނިޔަލަށް 84 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ.

މިހާރު ރާއްޖޭގައި ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު 185،894 އަށް އަރާފައިވާއިރު، އެ ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 311 އަށް އަރާފައެެވެ.