މި ސަރުކާރުގެ ސިޔާސީ މަގާމުތައް ވަނީ ނިމިދިޔަ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށްވުރެ 69 ޕަސެންޓް އިތުރުވެ، އަންނަ އަހަރަށް 785 ސިޔާސީ މަގާމު ބަޖެޓުގައި ހިމަނައިފިއެވެ.

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ސިޔާސީ މަގާމުތައް 465 ގައި ހުރިއިރު މިހާރު ވެރިކަމާއި ހަވާލުވެ ވަޑައިގެން ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ ޖުލައި މަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައިވަނީ ކުރީ ސަރުކާރުގެ ސިޔާސީ މަގާމުތަކަށް ވުރެ މި ސަރުކާރުގެ ސިޔާސީ މަގާމުތައް އިތުރު ނުވާނެ ކަމަށެވެ.

އެހެން ނަމަވެސް މިދިޔަ ސަރުކާރަށްވުރެ ސިޔާސީ މަގާމުތަކުގައި ތިއްބެވި މީހުންގެ އަދަދު ގިނަ ވެފައިވާ ކަން ވަނީ ހާމަވެފައެވެ. ރައީސް ސޯލިހް، ޖުލައި މަހުގެ ފަހުން ވެސް ގިނަ ބޭފުޅުންތަކެއް އެކި އެކި ސިޔާސީ މަގާމުތަކަށް އައްޔަނުކުރައްވާފައިވާއިރު، އަންނަ އަހަރަށް ކަނޑައަޅާފައިވާ ސިޔާސީ މަގާމުތަކުގެ އަދަދު އޭގެ ދެގުނައަށް އަރައެވެ.

މިގޮތުން އަންނަ އަހަރަށް ސަރުކާރުން ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ޖުމްލަ 785 ސިޔާސީ މަގާމަކަށް 331 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ހިމަނާފައެވެ. ރައީސް އޮފީހަށް އަންނަ އަހަރަށް ލަފާކޮށްފައިވާ ސިޔާސީ މަގާމުތަކުގެ އަދަދަކީ 377 އަދި މުސާރައެއްގެ ގޮތުގައި ހިމަނާފައިވަނީ 94.2 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން ދެން އެންމެ ގިނައިން ސިޔާސީ މަގާމުތައް ހުރީ ހެލްތް މިނިސްޓްރީގައެވެ. ހެލްތް މިނިސްޓްރީގެ ދަށުގައި 109 ސިޔާސީ މުވައްޒަފުންނަށް 27 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައި ބަޖެޓް ކޮށްފައެވެ. އަދި ފޮރިން މިނިސްޓްރީގައި 86 ސިޔާސީ މުވައްޒަފުން މަސައްކަތް ކުރައްވަން ހަމަޖެހިފައިވާ އިރު އެ ބޭފުޅުންގެ މުސާރައަށް ވަނީ 129 މިލިއަން ރުފިޔާ ހިމަނާފައެވެ.

މިހާރު ވެރިކަން ކުރަމުން އަންނަ އެމްޑީޕީއާއި ގުޅިފައިވާ ސިޔާސީ ޕާޓިތަކުން ވަނީ ނިމިދިޔަ ސަރުކާރުގެ ސިޔާސީ މަގާމުތައް ގިނަ ވުމުގެ ސަބަބުން އެތަކެއް ފާޑުތަކެއް ކިޔާފައެވެ. އެހެން ނަމަވެސް މިހާރު މިސަރުކާރުގައި ނިމިދިޔަ ސަރުކާރަށްވުރެ ގިނައިން ސިޔާސީ މަގާމުތައް އެބަ ހުއްޓެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ދެކުނުތަރި

  ކޮންމެ ވުޒާރާއެއްގެ މޭޒުގެ ފަޔަށްވުރެ ގިނަ ކޯޑިނޭޓަރުން ހިމެނުނީ ކޮންސަރުކާރަކުންކަން ރައްޔިތުންނަށް އޮޅިގެން ނޫޅޭ. ރައްޔިތުންގެ ބޮލަށް ޗިޕުޖަހަން ނޫޅޭ

  1
  9
 2. އަލިބެގެ ދަރި

  މިސްރުކާރުން ގަދައަޅާ މަސައްކަތް އަދިވެސް އެކުރަނީ ކުރީސްރުކާރުން ދީފައިތިބި ބައެއް ސިޔާސީ މަގާމްތަކުގައި ތިބި މުވައްޒަފުން ބޭރުނުކޮށްވޭތޯ އެހެންވެ ތަންކޮޅެއް ގިނަވެގެން ތިޔައުޅެނީ، ބައެއްކަންކަމުގައި ޝުކުރުކުރަންވެސް އެގެން ޖެހޭނެ.

  1
  1