ސަރުކާރުން ހުށަހަޅައިފައިވާ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރާ ބިލު މަޖިލީހުން ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން މިބިލު މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އެވެ.

މިބިލު މަޖިލީހަށް ބަލައިގެންފައި ވަނީ 66 މެންބަރުންގެ ވޯޓާއި އެކުއެވެ. މަޖިލީހަށް ހާޒިރުވެ ތިއްބެވި މެންބަރުންގެ އަދަދަކީ 74 ކެވެ. މިބިލު ފާސްކުރުމަށް ވަކި ކޮޅަކަށް ވޯޓުދޭނެ ބޭނުން ނުވާ 7 މެންބަރުން ތިބި އިރު ބިލް ފާސްކުރުމާއި ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓުދެއްވާފައެއް ނުވެއެވެ.

މިބިލު މަޖިލީހަށް ހުށަހަޅާފައި ވަނީ ކުޑަކުދިންގެ ހައްގުތައް ބައިންލަ އަގުވާމީ މުވާހަދާތަކަށް ރިއާޔަތް ކުރުމާއި، މިބިލުން އެކުދިންނަށް ލިބިދޭ ހައްގުތައް ކަށަވަރުކޮށްދިނުން ކަމަށް އެބިލުގައި ވަނީ ބަޔާންކޮށްފައެވެ.

މި ބިލުގެ ޒަރިއްޔާއިން ކުޑަކުދިންގެ މައިންބަފައި ނުވަތަ ބަލަހައްޓަމުންދާ ފަރާތްތަކުން އެކުދިންގެ ޒިންމާތައް އަދާނުކުރުމުގެ ސަބަބުން ލިބޭ ގެއްލުންތައް ހުއްޓުވައި، އެފަދަ މައިންބަފައިންނާއި މެދު ފިޔަވަޅު އެޅޭނެ ކަމަށް ވެއެވެ. އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމަށް ދައުލަތުންނާއި ކަމާބެހޭ ފަރާތްތަކުން އުފުލަން ޖެހޭ ޒިންމާތައް މިބިލުގައި ވަނީ ބަޔާންކޮށްފައެވެ.

އަދި ގައުމީ ފެންވަރުގައި ކުދަކުދިންގެ ހައްގުތައް ރައްކާތެރިކުރާ ނިޒާމެއް ގާއިމް ކުރުމާއި، ދައުލަތުގެ ބެލުމުގެ ދަށަށް ކުޑަކުދިން ގެންދެވޭ އުސޫލުތަކާއި، އެކުދިންނާއި މެދު އަމަލު ކުރަން ޖެހޭ ގޮތް އެބިލުގައި ވަނީ ބަޔާން ކޮށްފައެވެ.

މީގެ އިތުރުން އެބިލުގައި ދައުލަތުގެ ބެލުމުގެ ދަށަށް ގެންދެވޭ ކުޑަކުދިން އާއިލާއެއްގެ ބެލުމުގެ ދަށުގައި ލޯތްބާއި އެކު ބޮޑުކުރުމަށް، އެކުދިން ފޮސްޓަރ ކުރެވޭނެ އުސޫލު ތަކާއި، އެހީތެރިކަން ބޭނުންވާ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ހާއްސަ ފިޔަވަޅުތައް ވަނީ ބަޔާން ކޮށްފައެވެ.