އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް ކުރާ ދައުވާއެއްގެ އަޑުއެހުމެއް މާދަމާ ބޭއްވުމަށް ނިންމައިފިއެވެ.

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވަނީ މި ދެ ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަންކަމަށް ނުފޫޒު ފޯރުވި ކަމުގެ ދައުވާގެ ޝަރީއަތެވެ.

މި މައްސަލައިގެ އަޑުއެހުން އޮންނާނީ މާދަމާ މެންދުރު 15:00 ގައެވެ.

އިތުރު ދައުވާއެއްގެ އަޑުއެހުން ފަށާއިރު މި ދެ ބޭފުޅުންގެ މައްޗަށް އުފުލާފައިވާ އަދުލުއިންސާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ މައްސަލައިގެ ޝަރީއަތް އިއްޔެ ވަނީ ފަށާފައެވެ. އިއްޔެ ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައި އެ ބޭފުޅުންނަށް ވަނީ ވަކީލަކު އައްޔަން ކުރުމަށް 10 ދުވަހުގެ މުއްދަތެއް ދީފައެވެ.

މި ދައުވާތަކުގެ އިތުރުން އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ މައްޗަށް ދައުލަތުން ވަނީ ޓެރަރިޒަމްގެ ދައުވާއާއި ރިޝްވަތުގެ ދައުވާ ވެސް އުފުލާފައެވެ.