ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލާގެ މައްޗަށް، ރިޔާސީ ކޮމިޝަނުން ތައްޔާރުކޮށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުއަށް އެރުވި ތަހުގީގު ރިޕޯޓް މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިއްވާނެ ކަމަށް މަޖިލީހުގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ވިދާޅުވީ، މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނުން އެކުލަވާލި ޑރ. އަރްފާޝީމް އަލީގެ މައްސަލައިގެ ރިޕޯޓުގެ ހުލާސާއެއް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު އޮންނަ މަޖިލީހުގެ ޖަލްސާގައި އިއްވާނެ ކަމަށެވެ.

އެ ރިޕޯޓް މަޖިލީހާއި އިތުރު މުވައްސަސާތަކަށް އަރުވާފައި ވަނީ، ރައީސް ސާލިހެވެ. މިދިޔަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިތުރުން، ފުލުހުންނާއި ކައުންޓާ ޓެރަރިޒަމް ސެންޓަރު، އެޓާނީ ޖެނެރަލް އަދި ޕްރޮސެކިއުޓާ ޖެނެރަލްއާ ރިޕޯޓު ވަނީ ހިއްސާކޮށްފައެވެ.

އެ މައްސަލާގެ ރިޕޯޓް ރައީސް ސާލިހަށް އަރުވާފައިވަނީ މި މަހުގެ ހަތް ވަނަ ދުވަހުއެވެ.

ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލާފައިވަނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު 1 ވަނަ ދުވަހުގެ ވަގުތެއްގައި ޓީވީއެމްއިން ދުރަށް ފޮނުވި ދީނީ ޕްރޮގްރާމެއްގައި އެ މަނިކުފާނު ބައިވެރިވެވަޑައިގަތުމަށްފަހު، ގެއަށް ވަޑައިގެންނެވި ތަނުންނެވެ. ތޫނު އެއްޗެހި ބޭނުންކޮށްގެން ދިން ލާއިންސާނީ އަނިޔާތަކުގައި ޑރ. އަފްރާޝީމްގެ ހަށިކޮޅަށް ބޮޑެތި އަނިޔާތަކެއް ދީފައިވާއިރު، އެމަނިކުފާނު އޭޑީކޭ ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް ވަނީ އަވަހާރަވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބަރުގޮނު

    ރަޢިއްޔަތުންގެ މަޖްލިސަކީ ޤާނޫނު ހަދާ މަޖްލިސްކަމަށް ވާއިރު ތަޙްޤީޤީ މަރުޙަލާގައި ހުންނަ މަސްއަލަތަކުގެ ރިޕޯޓް އެމަޖްލިސަށް ފޮނުވާ އެފަދަ މަސްއަލަތަކުގެ މަޢުލޫމާތު މިމަޖްލިސަށް ފޮނުއްވުމުގެ ބޭނުމަކީ ކޮބައިތޯ..؟ ފޮނުވަންޖެހޭ އުޞޫލެެއް އޮވޭތޯ..؟؟ އެއް މުއައްސަސާއެއްގައި ތަޙްޤީޤު ކުރެވެމުންދާ މަސްއަލައެއް މަޖްލިސްގައި އެޖެންޑާކުރެވި ތަޅުމުގައި ބަޙުސްކުރަން ޖެހޭތޯ..؟؟