މިއަހަރުގެ އޮކްޓޯބަރ މަހުގެ ތެރޭގައި އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެއްޖެއެވެ.

ކަސްޓަމްސް އިން އާންމުކޮށްފައިވާ އޮކްޓޯބަރ މަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން އޮކްޓޯބަރ މަހުގެ ތެރޭގައި އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް އާމްދަނީގެ ގޮތުގައި 288 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. 2018 ވަނަ އަހަރުގެ އޮކްޓޯބަރ މަހު ލިބިފައިވަނީ 287 މިލިއަން ރުފިޔާއެވެ. މިއީ 0.37 އިންސައްތަ އިތުރު އަދަދެކެވެ.

މިއަހަރުގެ އޮކްޓޯބަރުގައި 4.2 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައި ވާއިރު، މިދިޔަ އަހަރު އެ މުއްދަތުގައި އެތެރެކޮށްފައި ވަނީ 3.8 ބިލިއަން ރުފިޔާގެ މުދަލެވެ.

މި އަހަރުގެ އޮކްޓޯބަރު މަހު އިމްޕޯޓު އިތުރުވުމުން ސީއައިއެފް (ކޮސްޓް، އިންޝުރެންސް އަދި ފްރެއިޓް) އަގު ވަނީ 10 އިންސައްތަ އިތުރުވެފައެވެ.

ފާއިތުވި މަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ ޔޫ.އޭ.އީ، ޗައިނާ، އަދި ސިންގަޕޫރެވެ. ޗައިނާ އިން 744 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު ޔޫ.އޭ.އީ އިން 743 މިލިއަން އަދި ސިންގަޕޫރުން 557 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ.