ސްކޫލް ކުދިންގެ ދިރާސީ އަހަރުގެ ކިޔެވުން ނިމި އަންނަ ބޮޑު ޗުއްޓީއާއި ދިމާކޮށް އިންފްލުއެންޒާ އާއެކު ޑެންގީހުންވެސް ހަލުވި ބާރުމިނެއްގައި ފެތުރުން އިތުރުވެގެން ހިނގައި ދާނޭކަމަށް ހެލްތު ޕްރޮޓެކްޓިވް އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭއިން މިއަދު އާންމުކޮށްފައިވާ ނޫސްބަޔާނެއްގައި ވިދާޅުވެފައި ވަނީ ކުރިޔަށް އޮތީ ސްކޫލް ކުދިންގެ ޗުއްޓީ ކަމުގައި ވުމުން ދަތުރު ފަތުރު ކުރައްވާ ބޭފުޅުންނާއި ގޭގެއަށް ޒިޔާރާތް ކުރައްވާ ބޭފުޅުންގެ އިތުރުން ތަންތަނަށް އެއްވެ އުޅޭ މީހުންގެ އަދަދު ނިސްބަތުން އިތުރުވެގެން ދާނޭ ކަމަށެވެ. އެހެން ނަމަވެސް މި ދުވަސްވަރަކީ އިންފުލުއެންޒާ އިތުރުވާ ދުވަސްކޮޅަކަށްވެފައި ރާއްޖެއަށް ކުރާ ވިއްސާރާގެ ސަބަބުން ޑެންގީ ހުމާއާއި އެހެނިހެން ބަލިތައް ފެތުރިގެން ދާތީވެ އެކަންކަމަށް ހާއްސަ ސަމާލުކަމެއްދެއްވުމަށް އިއުތިމާސްކުރަައްވާފައިވެއެވެ.

މީގެ އިތުރުން މި ނޫސްބަޔާނުގައި މިދުވަސްވަރުގައި އެންމެ އާންމު ބަލިތައް ކަމުގައިވާ އަރިދަފުސް ރޯގާއާއި ބޭރަށް ހިންގާ ހޮޑުލެވުން ފަދަ ރޯގާތަކުން ސަލާމަތްވާނޭ ގޮތްތައް ފާހަގަކުރައްވާފައިވެއެވެ. އަދި ޑެންގޫ ބައްޔާއި ފާނަބަސަންތު ފަދަ ނުރައްކާތެރި ބަލިތަކުން ސަލާމަތްވުމަށް ކުރެވިދާނޭ ކަންތައްތަކުގެ އިރުޝާދުތައްވެސް ދެއްވާފައިވެއެވެ.

މިގޮތުން އަރިދަފުސް ރޯގާއިން ސަލާމަތްވުމަށްޓަކައި ކެއްސާ ކިނބިހި އަޅައިއިރު އަނގަޔާއި ނޭފަތް ނިވާކުރުމާއި ކުޑަކުދިންނާއި އާންމުން އެއްވާ ތަންތަނަށް ނުދިއުމަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި ބޭރަށް ހިންގާ ހޮޑުލެވުން ފަދަ ބަލިތަކުން ރައްކާތެރިވުމަށް ކެއުމުގެ ކުރީންނާއި ފަހުން އަތްދޮވުމަށް ހާއްސަ ސަމާލުކަމެއް ބެހެއްޓުމަށް ހަނދުމަފުޅުކޮށްދީފައިވެއެވެ.

ޑެންގޫފަދަ ބަލިތަކުން ރައްކާތެރިވުމަށް މަދިިރި އާލާވާ ތަންތަން ނައްތާލާ މަދިރި ލޯޝަން ބޭނުން ކުރެއްވުމަށް ފާހަގަކޮށްފައި ވެއެވެ. އަދި ފާނަބަސަންތު ފަދަ ނުރައްކާތެރި ބަލިތަކުން ރައްކާތެރިވުމަށްޓަކައި ބަލި ޖެހިފައިވާ މީހުންނާއި ގައިގޯޅި ނުވުމަށް އިލްތިމާސްކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މޫސާ ވަތައްހާނު

    އެޗްޕީއޭ އަށް އިނގޭތާ ތި އިންފުކުއެންޒާ އަކާ އޭތިމީތި ފެތުރެމުންދާތާ ވީދުވަހެއް. އެތައްދުވަހެއް ވެެއްޖެ ހޮސްޕިޓަލްތައް ފުރި ބަންޑުންވެގެން އުޅޭތާ. އެޗްޕީއޭއަކީ މަޑުނިންޖެއްގައި ދެބަންދިހާރަވެފައި އޮންނަ ވާގިނެތިފައިއޮންނަ މުއައްސަސާއެއް. ވާނެ ހަތަރެއްޗެއްވެ ރައްޔިތުން ރުޅިގަދަވެ ހޯއްގޮވަންފެއްޓީމަ ދެން މިބުނަނީ އިންފުލުއެންޒާ އެބަފެތުރޭ. އަޅޭ މި ފެތުރޭކަން އެބަ އިނގޭ ގައުމުއެއްމެނަށް އެކަމަކު ކަލޭމެންނަށް ކޮންކަމެއްްތޯ މުސާރަބަގައިގެންތިބެ ކުރެވެނީ. މުޅި މާލެއާއި ހުޅުމާލޭގައިވެސް ހުސް މަދިރި. ފޮގްކޮށްލާ ސްޕްރޭކޮށްލެވެނީ ހަމައެކަނި ރައްޔިތުންމަޖިލިސްގެ އިދާރާއެކަނިތަ!! ދެރަކަމެެއްނުދޯ!!