މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައި އެމްއެމްއޭ ސަރަޙައްދުން ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން މަރުވި އިބްރާހީމް އާގިލްގެ މަރުގެ މައްސަލައިގައި ހިމެނޭ މީހެއް ކަމަށްވާ އިބްރާހީމް ވިޝާމްގެ މައްޗަށް ކުރެވޭ ޝަރީޢަތް ފެށުމުގެ ކުރިން ދަޢުލަތުން ހުށަހަޅާފައިވާ ހެކިން ސިއްރުކުރަން އެދިއްޖެއެވެ.

ދަޢުލަތުގެ ފަރާތުން ހއ. ދިއްދޫ ސްނޯބާޑް، އިބްރާހީމް ވިޝާމްގެ މައްޗަށް ކުރަނީ ތޫނުއެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ ދަޢުވާއެވެ. ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ދިޔައީ މި މައްސަލައިގެ އިބްތިދާޢީ ފަހު އަޑުއެހުމެވެ.

މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ޤާޒީ ވަނީ ދަޢުލަތުގެ ވަކީލަށާއި، ދިފާޢީ ވަކީލަށްވެސް ޝަރީޢަތުގެ ކުރިން ހުށަހަޅަން ބޭނުންވާ ހުށަހެޅުންތައް ހުށަހެޅުމުގެ ފުރުސަތު ދެއްވާފައެވެ. މިއަދުގެ އަޑުއެހުމާއި ހަމަޔަށް ލިޔުމުން ވިޝާމްގެ ފަރާތުން އެއްވެސް ކަމެއް ހުށަހަޅާފައެއް ނުވެއެވެ. ހުށަހެޅުންތަކެއް ހުށަހަޅާފައިވަނީ ދަޢުލަތުގެ ފަރާތުން އެކަންޏެވެ. ވިޝާމްގެ ވަކީލު ވިދާޅުވީ ހުށަހެޅުމެއްވެސް އަދި ދިފާޢުގައި ހެއްކެއްވެސް ހުށަނާޅަން ނިންމީ މައްސަލަ އިތުރަށް ދިގުލައިގެން ގޮސްދާނެތީ ކަމަށެވެ. އޭނާގެ މުވައްކިލުގެ ފަރާތުން ހުށަހަޅަން ބޭނުންވާ ކަމެއް ނެތް ކަމަށާއި، ބޭނުންވަނީ ވީހާވެސް އަވަހަކަށް މައްސަލަ ކުރިއަށް ގެންގޮސް ނިންމާލުމަށް ކަމަށެވެ.

ދަޢުލަތުގެ ފަރާތުން މި މައްސަލައިގެ ޝަރީޢަތުގެ ކުރިން ވަނީ 2 ކަމެއް ހުށަހަޅާފައެވެ. އެއީ ހެކިބަސްދޭ މީހުންނަށް ޙިމާޔަތް ލިބޭ ގޮތަށް ހެކިބަސް ނެގުމަށާއި، ހެކި ރައްކާތެރިކޮށްދިނުމުގެ ދާޢިމީ އަމުރަކަށެވެ. ދަޢުލަތުގެ ވަކީލު ފާހަގަކުރެއްވީ ކާކުކަން ނޭނގޭ ގޮތަށް، ދަޢުވާ ލިބޭ ފަރާތާއި އެއް ހާޟިރެއްގައި ނޫންގޮތަށް އަޑުބަދަލްކޮށްގެން ހެކިންގެ ހެކިބަސް ސިއްރުން ނަގަން ބޭނުންވަނީ ހެކިބަސްދޭ މީހުންނަށް ނުފޫޒު ފޯރުވަފާނެ ކަމުގެ ބިރާއި، ހެކި ނައްތާލަފާނެ ކަމުގެ ބިރު އޮތުމުން ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި ވިޝާމްގެ ވަކީލު ވަނީ އޭނާގެ މުވައްކިލުގެ ސިއްހީ ފަރުވާގެ ކަންތައްތައް އެކަށީގެންވާ ގޮތަށް ކުރިއަށް ގެންދާކަން ދަޢުލަތުގެ ފަރާތުން ކަށަވަރު ކޮށްދެވިފައި ނުވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ވިޝާމްގެ އެއް އިނގިލީގައި މައްސަލައެއް ހުރުމުގެ ސަބަބުން އޭނާގެ އަތުގައި ޕްލާސްޓަރު އަޅާފައިވާތާ 4 މަސްވެފައިވާއިރު، ޑޮކްޓަރުން އޭނާގެ އިނގިލީގެ އޮޕަރޭޝަނެއް ކުރުމަށް ލަފާދީފައިވާ ކަން ފާހަގަކުރެއްވިއެވެ. މިހާތަނަށް އައި އިރުވެސް، އޮޕަރޭޝަން ކުރުމަށް އެއްވެސް ކަހަލަ މަސައްކަތްތަކެއް ކަރެކްޝަންސްގެ ފަރާތުން ކޮށްފައި ނުވާ ކަމަށް ވަކީލް ފާހަގަކުރެއްވިއެވެ.

އެންމެ ފަހުން މި މައްސަލައިގެ އަޑުއެހުމުގައިވެސް އެކަން ފާހަގަކުރެއްވި ކަމަށާއި، މިއަދާއި ހަމަޔަށް މަހަކަށްވުރެ ގިނަ ދުވަސްވީއިރުވެސް، އޮޕަރޭޝަން ކުރުމަށްޓަކައި، އެކަމަށް އެކަށޭނެ މަސައްކަތެއް ކުރެވިފައި ނުވާ ކަން ވިޝާމްގެ ވަކީލު ފާހަގަކުރެއްވިއެވެ. އަދި ދަޢުލަތުގެ ބެލުމުގެ ދަށުގައި ހުންނަ މީހަކަށް އެކަށީގެންވާ ސިއްހީ ފަރުވާ ފޯރުކޮށްދެވޭ ކަން ޔަޤީންކުރުމަކީ ދަޢުލަތުގެ ޒިންމާއެއް ކަމަށާއި، ފަރުވާ ނުދެވި ލިބިދާނެ ގެއްލުމަކީ އިޔާދަ ނުކުރެވޭނެ ގެއްލުމެއް ކަމަށްވެސް ވިޝާމްގެ ވަކީލް ފާހަގަކުރެއްވިއެވެ.

މައްސަލަ ބައްލަވާ ޤާޒީ ވިދާޅުވީ ވިޝާމްގެ ސިއްޙީ ފަރުވާ އާއި ގުޅޭގޮތުން ކަރެކްޝަންސްގެ ސިއްހީ ކަންތައްތަކާ ހަވާލުވެ ހުންނަވާ އެންމެ އިސް ފަރާތް ކޯޓަށް ހާޟިރުކޮށް އެ މަޢުލޫމާތު ސާފުކުރައްވާނެ ކަމަށެވެ. އިބްރާހީމް އާގިލް މަރާލުމުގައި އެހީތެރިވެދިނުމުގެ މައްސަލައިގައި އުފުލާފައިވާ ދަޢުވާގެ ތެރެއިން ވިޝާމްގެ މައްޗަށް ދެން އޮންނާނީ ޝަރީޢަތުގެ އަޑުއެހުންތަކެވެ. ޝަރީޢަތުގެ މަރުޙަލާގެ ފުރަތަމަ އަޑުއެހުން ބާއްވަން ހަމަޖެހިފައިވަނީ 16 ޖެނުއަރީ 2020 ވަނަ ދުވަހުގައެވެ.

އުމުރުން 18 އަހަރުގައި އާގިލް މަރާލާފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓް 31 ވަނަ ދުވަހުގެ ރޭ އެމްއެމްއޭ ސަރަޙައްދުގައި ތޫނު އެއްޗަކުން ހަމަލާދީ އެވެ. އެ ހަމަލާގައި އޭނާގެ މޭ މައްޗަށް ވަނީ ވަޅި ޖަހާފައެވެ. އާގިލް އަށް ފަރުވާދިނުމަށް އޭނާ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ވަނީ މަޢުލޫމާތު ދީފައެވެ.