ދުވަހުގެރޭ އެމްއެމްއޭ ސަރަޙައްދުގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި ގދ. ފަރެސްމާތޮޑާ، ކޮކާ، އިބްރާހިމް އާގިލްގެ މަރުގެ މައްސަލައިގައި މިއަދަށް ތާވަލުކުރި އަޑުއެހުން ކެންސަލް ކޮށްފިއެވެ. އާގިލް މަރާލީ 2018 ވަނަ އަހަރު އޮގަސްޓް މަހުގެ 31 ވަނަ ދުވަހު އިރުއޮއްސުނު ހާއިރުއެވެ.

އާގިލް މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ މީހުންގެ ޝަރީއަތުގެ އަޑުއެހުމެއް ތާވަލުކޮށްއޮތީ މިއަދު ހެނދުނު 09:00 އަށެވެ. މިއަދުގެ އަޑުއެހުން ކެންސަލް ކުރީ މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރުގައި ހުންނެވުމުންނެވެ. ގާޒީ އަލީ އާދަމް މިވަގުތު ހުންނެވީ ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވާން އިންޑިއާގައެވެ.

އާގިލް މަރާލި މައްސަލައިގައި ލ. ފޮނަދޫ، ހިޔާ، ހަމްދޫން ހަމްޒަތާއި، ސ. ހިތަދޫ، ސްވޭހުހީނާގެ، އަލީ މިޖުވާދު މާލިކު އިބްރާހިމްގެ މައްޗަށް ގަސްދުގައި މީހަކު މެރި ކަމުގެ ދައުވާ އުފުލާފައިވެއެވެ. އަދި ހއ. ދިއްދޫ ސްނޯބާޑް، އިބްރާހިމް ވިޝާމްގެ މައްޗަށް ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ދައުވާ އުފުލާފައިވެއެވެ.

އާގިލް މަރުގެ މައްސަލައިގެ އަޑުއެހުމެއް އެންމެފަހުން ބާއްވާފައިވަނީ މިދިޔަ ޖޫން މަހުއެވެ. މައްސަލައިގައި މިހާރު ކުރިއަށްދަނީ ހެކިބަސް ނެގުމުގެ މަރުހަލާއެވެ.

މިމައްސަލައިގައި މީގެ ކުރިން ވެސް ތާވަލް ކުރި ވަރަށް ގިނަ އަޑުއެހުންތަކެއް ވަނީ ކެންސަލް ކޮށްފައެވެ. ބައެއް އަޑުއެހުންތައް ކެންސަލް ކޮށްފައި ވަނީ ހެކިވެރިން ކޯޓަށް ހާޒިރު ނުކުރެވިގެންނެވެ.