ގދ. ފަރެސްމާތޮޑާ، ކޮކާ، އިބްރާހިމް އާގިލް (18އ) މަރާލި މައްސަލާގައި ދައުލަތުން ދައުވާއުފުލާފައިވާ މީހުންގެ ޝަރީއަތުގެ އަޑުއެހުމެއް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ތާވަލު ކުރުމަށްފަހު ކެންސަލްކޮށްފިއެވެ.

މި މައްސަލަ ތާވަލު ކޮށްފައި އޮތީ ބުދަ ދުވަހުގެ ހެނދުނު 09:00 އަށެވެ. އެހެންނަމަވެސް، މި އަޑުއެހުން ކެންސަލްވެފައިވަނީ ދިފާއީ ވަކީލު އެހެން މައްސަލައެއްގެ އަޑުއެހުމެއް އެގަޑީގައި އޮތްކަމަށް ވިދާޅުވެ މިއަދުގެ އަޑުއެހުން ކެންސަލް ކޮށްދިނުމަށް ކްރިމިނަލް ކޯޓުގައި އެދުމުން ކަމަށް ކްރިމިނަލް ކޯޓުން ވިދާޅުވިއެވެ.

މިއަދުގެ އަޑުއެހުމަކީ ވެސް ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަސް ނަގަން ތާވަލް ކުރި އަޑުއެހުމެކެވެ.

އާގިލް މަރާލި މައްސަލައިގައި ދައުލަތުން ދައުވާ ކޮށްފައިވަނީ ލ.ފޮނަދޫ، ހިޔާ، ހަމްދޫން ހަމްޒަތާއި ސ. ހިތަދޫ، ސްވޭހުހީނާގެ، އަލީ މިޖުވާދު މާލިކު އިބްރާހީމް އަދި ހއ. ދިއްދޫ، ސްނޯބާޑް، އިބްރާހީމް ވިޝާމްގެ މައްޗަށެވެ.

މިޖުވާދާއި ހަމްދޫންގެ މައްޗަށް ދައުލަތުން ކޮށްފައިވާ ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކު މެރުމުގެ ދައުވާއެވެ. ބިޝާމްއަށް ކުރަނީ ގަސްތުގައި މީހަކު މެރުމަށް އެހީތެރިވުމުގެ ދައުވާއެވެ.

އޮގަސްޓް 31، 2018 ގައި އާގިލް މަރާލާފައި ވަނީ މާލެ އަތޮޅު ރަށެއްގައި އުޅުމަށް ފަހު، އެނބުރި މާލެ އައިސް ލޯންޗުން ފޭބި ވަގުތު އެމްއެމްއޭ ކައިރިންނެވެ. އެއީ މާލޭގައި އެ ދުވަސްވަރު ސިލްސިލާކޮށް ހިންގި މަރާމާރީތަކާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުން ހިނގި އެއް ހާދިސާ ކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެއެވެ.