ހުޅުމާލޭގައި ހުންނަ ޕާކިސްތާނުގެ ކެއުންތަކަށް ހާއްސަ ހާންޖީ ރެސްޓޯރަންޓުގެ ތެރޭގައި އެ ތަނުގެ ބަންގްލަދޭޝް ވެއިޓަރަކަށް ހަމަލާދީ މަރާލިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޕާކިސްތާން މުހައްމަދު އާބިދްގެ ބަންދަށް އިތުރު 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.

މިއީ އާބިދުގެ ބަންދުގެ މުއްދަތު އިތުރު ކުރި ތިން ވަނަ ފަހަރެވެ. ފުރަތަމަ ހައްޔަރުކޮށް ބަންދުގައި ބަހައްޓަން ދިނީ 15 ދުވަހެވެ. އޭގެ ފަހުންވެސް ދީފައި ވަނީ 15 ދުވަހުގެ މުއްދަތެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އިތުރު 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

އަދި މި މައްސަލައިގެ ތަހުގީގުގައި ފުލުހުން މިހާރު ކުރަމުން ދަނީ، މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމަށްޓާކައި ކުރަން ޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ..

"ތަހުގީގު ފުރިހަމަކޮށް، ވީހާވެސް އަވަހަށް ޕީޖީއަށް ފޮނުވުމަށް މި ދަނީ މަސައްކަތް ކުރަމުން". އޮފިޝަލް ވިދާޅުވިއެވެ.

ޕާކިސްތާންގެ ކައްކާ މުހައްމަދު އާބިދު ބަންގްލަދޭޝް މީހާ އަށް ހަމަލާ ދިނުމަށް ފަހު ފިލައިގެން އުޅެނިކޮށް ހައްޔަރު ކުރީ ހާދިސާ ހިނގި ރޭގެ މެންދަމު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަތިރިމަތިންނެވެ. އޭނާ ހުޅުމާލޭ ދެވަނަ ފިޔަވައްސަަށް ދިޔައީ މާލެ ވެސް އައުމަށް ފަހު ކަމަށް ފުލުހުން ވިދާޅުވެފައި ވެއެވެ.

ތުހުމަތުވާ ޕާކިސްތާނުގެ ކައްކާ މުހައްމަދު އާބިދަކީ ކުރިން ވެސް ރުޅިގަދަ މީހެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ކަމަށް އެކުގައި މަސައްކަތް ކުރާ މީހުން ބުނެއެވެ. އޭނާ ވަނީ މީގެ ކުރިން ވެސް މުވައްޒަފުންނާއި ޒުވާބުކޮށް ބައެއް ފަހަރު މުވައްޒަފުންގެ ގައިގަ ވެސް އަތް ލާފައެވެ.

ބަންގްލަދޭޝްގެ މީހާ މަރުވީ މުހައްމަދު އާބިދު ދިން ހަމަލާއަށް ފަހު ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަނިކޮށެވެ. އޭނާގެ ކަރަށާއި ބޮލަށާއި އަދި ފަޔަށް ވަޅިން ހަމަލާދީފައިވާ ކަމަށް މަންޒަރު ދުށް ބައެއް މީހުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙަަަހަ

    އަޅެ މިޤައުމުގެ ޤާނޫނުއަސާސީ ކޮރީތޯ ، މިފަދަ ތުހުމަތެއްކުރެވޭ މީހަކު ސަރީއަތް ނިމެންދެން ބަންދުޖަހަންވިނުތަ ، ހަމަ ދެއިރު ކާބޭހެއް ގޮތަށް 15 ދުވަސް ޖަހަން ގެންދިއުން އިދާރާތަކަށްވެސް ބުރަދޯ ، ބޭކާރު ޚަރަދު ކުޑަވާގޮތަށް ކަަންކން ކުރަންވީނު ، . މިވަރު ކަމަކާ ވިސްނާ ޤާނޫނީ މީިހެއް މިތާނެތްތަ