މަރު ކޮމިޝަނުން ނެރުނު ރިޕޯޓުގައި ސަލަފުގެ ނަން ހިމެނީ ސަރުކާރުން ވެފައިވާ ވައުދެއް ފުއްދުމައް ދެކޭ ކަމަށް އެ ޖަމިއްޔާ އިން ވިދާޅުވެއްޖެއެވެ.

ޖަމިައްޔަތުއް ސަލަފުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައި ވަނީ، ސަރުކާރުން ޑރ. އަފްރާޝީމްގެ މަރުގެ މައްޗަށް އެކުލަވާލައިފައިވާ ރިޕޯޓުގައި އެޖަމިއްޔާގެ ނަން ހިމަނާފައި ވަނީ، ސަރުކާރުން އެތެރެއާއި ބޭރުގެ ލާދީނީ ފިކުރުތަކަށް ވެފައިވާ ވައުދެއް ފުއްދުމަށް ކަމަށެވެ.

އަދި ޖަމިއްޔަތުއް ސަލަފުގެ ނަން ﷲ މަތިވެރި ކުރައްވާފައިވާ ފުރާނައެއް ނައްތައިލުމުގެ ފަހަތުގައި ވާކަމަށް ސަރުކާރުގެ މަރުކޮމިޝަނުން ނެރުނު ރިޕޯޓުގައިވުމީ ޒަމާނުއްދުރެ ބައެއް ސިޔާސީ ފަރާތްތަކާއި ސަލަފާއި ދެމެދުގައިވާ ނަފްރަތެއްގެ ސަބަބުން ކަން އެނގޭ ކަމަށްވެސް ސަލަފުން ނެރުނު ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އެފަދަ ކަމެއްގެ ފަހަތުގައި ސަލަފްގެ ނަން ހިމެނުމަކީ ރާއްޖޭގެ ބައެއް ފަރާތަތަކުން އާލާކުރަން ބޭނުންވާ ލާދީނީ ޖަމިއްޔާ މޯލްޑިވިއަން ޑިމަކްރަސީ ނެޓްވޯކް (އެމްޑީއެން) ފަދަ ޖަމިއްޔާތަކަށް އޮތް ހުރަހަކީ ޖަމިއްޔަތުއް ސަލަފުކަމަށް ދެކޭތީ ކަމަށްވެސް ސަލަފުން ނެރުނު ނޫސްބަޔާނުގައި ވަނީ ވިދާޅުވެފައެވެ. ސަލަފުން ހިންގާ ދީނީ ހަރަކާތްތަކާއި ރާއްޔިންތުންނަށް ދެމުންދާ ދީނީ ހިދުމަތްތައް ހުއްޓާވުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުން ދާކަމަށާއި، ޖަމިއްޔަތުއް ސަލަފުގެ ނަން ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުގެ ފަހަތުގައިވާ ކަމަށް މަރުކޮމިޝަނުން އެކުލަވާލި ރިޕޯޓުގައި ހިމެނުމަކީވެސް އެފަދަ ކަމެއް ކަމަށް އެ ޖަމިއްޔާއިން މިއަދު ނެރުނު ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

"އަދި މިއީ އެތެރެއާއި ބޭރުގެ ފިކުރުތަކަށް ސަރުކާރުން ވެފައިވާ ވައުދުތަކުގެ ތެރެއިން ވައުދެއް، ފުއްދުން ކަމަށްވެސް އަޅުގަނޑުމެން ދެކެން" ޖަމިއްޔަތުއް ސަލަފުން މިއަދު ނެރުނު ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

ސަލަފުން ވަނީ މަރުކޮމިޝަނުން ނެރުނު ރިޕޯޓުގައި ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުގައި އެޖަމިއްޔާގެ އަތެއް ވާކަން ހާމަކުރުމަށް ދައްކަވާފައިވާ ވާހަކަތައް ދޮގުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިބްރާހިމް

    ސަލަފަށް ފިޔަވަޅު އެޅުމަކީ އަދާލަތުގެވއެދުމެއް

    17
    2
  2. ޙެޔޮވެރިކަން...

    މަޑުކޮށް ... ޑރ. ޢަފްރާޝީމް ފުރަތަމަ އަވަހާރަކޮށްލީ ޔާމީން ދެން ... މުޅި ސަލަފް ޖަމްއިއްޔާ ... ދެން އަނެއްކާ ކާކުގެބޮލައް ނޫނީ ޖަމްއިއްޔާ އަކަށްބާ އަންނާނީ ... ؟؟ މީހަކަށްފަހު މީހެއް ... ބޮޑު އަޖައިބެއް...

    18