ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރުކަމަށް އައްޔަންކޮށްފައިވާ 3 ބޭފުޅުކަށް، އެބޭފުޅުންގެ މަޤާމުގެ ފަތްކޮޅު ހަވާލުކޮށްފިއެވެ.

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ އަށް ޑެޕިއުޓީ ވައިސް ޗާންސެލަރުން (ޑީވީސީ) އައްޔަންކުރަން ނިންމާފައިވަނީ މިމަހުގެ 21 ވަނަ ދުވަހު ބޭއްވުނު ޔުނިވާސިޓީގެ 19 ވަނަ މަޖިލިސް ބައްދަލުވުމުގައެވެ. މިއަދު އިސްލާމިކް ޔުނިވާސިޓީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ވަނީ ޑެޕިއުޓީ ވައިސް ޗާންސެނަރުންގެ މަޤާމަށް އައްޔަން ކުރެވުނު ބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު އަރުވާފައެވެ.

ޑެޕިއުޓީ ވައިސް ޗާންސެލަރު ކަމަށް ހޮވިވަޑައިގަތް ބޭފުޅުންގެ ތެރޭގައި ހިމެނެނީ ރިސާޗް އެންޑް އިނޮވޭޝަންގެ ދާއިރާއިން ޑރ. ދީބާ މޫސާ، އެކަޑެމިކް އެފެއާޒް ދާއިރާއިން ޑރ. ސައުދުﷲ އަލީ އަދި އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސްގެ ދާއިރާއިން އަލްފާޟިލް މުހައްމަދު މާހިދު ޝަރީފް އެވެ. އެބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ހަވާލުކޮށްދެއްވީ އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ޑރ.މުހައްމަދު ޒާހިރު ހުސެއިން އާއި ވައިސް ޗާންސެލަރު، ޑރ.އިބްރާހީމް ޒަކަރިއްޔާ މޫސާ އެވެ.

އިސްލާމިކް ޔުނިވަސިޓީ އަށް ޑެޕިއުޓީ ވައިސް ޗާންސެލަރުން އައްޔަން ކުރެއްވުން - ވަގުތު އިމޭޖްސް:  މުހައްމަދު ހައްޔާން
އިސްލާމިކް ޔުނިވަސިޓީ އަށް ޑެޕިއުޓީ ވައިސް ޗާންސެލަރުން އައްޔަން ކުރެއްވުން - ވަގުތު އިމޭޖްސް: މުހައްމަދު ހައްޔާން

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު، ޑރ. މުހައްމަދު ޒާހިރު ހުސެއިން ވިދާޅުވީ މިއަދަކީ ވަރަށް އުފާވެރި ދުވަހެއް ކަމަށާއި، ހުރިހާ ބޭފުޅުންވެސް އެކުވެރިކަން އިސްކުރައްވައިގެން މަސައްކަތް ކުރެއްވުމަށް އެދޭ ކަމަށެވެ.

"އަލަށް ހޮވިވަޑައިގަތް ޑީވީސީންނަށް މަރުޙަބާ ދަންނަވަން. މިއީ ވަރަށް އުފާވެރި ދުވަހެއް. ޑީވީސީ އިން މަސައްކަތް ކުރައްވާއިރު ވަރަށްވެސް ޙިކުމަތްތެރިކަމާއެކު މަސައްކަތް ކުރައްވަން ޖެހޭނެ، އެކުވެރިކަން އިސްކުރައްވަން، މަޝްވަރާ އިސްކުރައްވަން، އޭގެ ފަހުގައި ނަސޭހަތް ދިނުމަށް. ހުރިހާ އެންމެން ގުޅިގެން، އެއް އާއިލާއެއް ކަމަށް ދެކިގެން، އެ އާއިލާގެ ތެރޭގައި ހިމެނޭ ކަންތައް ފަހިކުރަން މަސައްކަތް ކުރައްވަން ޖެހޭނީ. އޭރުން އަޅުގަނޑުމެންނަށް ކާމިޔާބު ލިބިގެންދާނީ." ރަސްމިއްޔާތުގެ ބައިވެރިންނާ މުޚާތަބު ކުރައްވާ ޑރ.ޒާހިރު ވިދާޅުވިއެވެ.

އިސްލާމިކް ޔުނިވަސިޓީ އަށް ޑެޕިއުޓީ ވައިސް ޗާންސެލަރުން އައްޔަން ކުރެއްވުން - ވަގުތު އިމޭޖްސް:  މުހައްމަދު ހައްޔާން
އިސްލާމިކް ޔުނިވަސިޓީ އަށް ޑެޕިއުޓީ ވައިސް ޗާންސެލަރުން އައްޔަން ކުރެއްވުން - ވަގުތު އިމޭޖްސް: މުހައްމަދު ހައްޔާން

އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަރު، ޑރ.އިބްރާހީމް ޒަކަރިއްޔާ މޫސާ ވެސް ވަނީ މިއަދު މަޤާމުގެ ފަތްކޮޅު އަރުވާފައިވާ އިސްލާމިކް ޔުނިވާސިޓީގެ ޑީވީސީންނަށް މަރުޙަބާ ދަންނަވާފައެވެ. އަދި އެބޭފުޅުންގެ ޤާބިލުކަމާއި، ތަޖުރިބާގެ ސަބަބުން ޔުނިވާސިޓީއަށް އިތުރު ކުރިއެރުންތައް ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ދައްކަން ޖެހެނީ ކޮލިޓީ ކޮންޓްރޯލް ކުރާ ވާހަކައެއް ނޫން، ދައްކަން ޖެހޭ ވާހަކައަކީ ކިހިނެތްތޯ ފެންވަރު މަތިކުރާނީ. ޔުނިވާސިޓީ އިން ކުރަމުން ގެންދާ މަސައްކަތުގެ ފެންވަރު ދުވަހެއް ދުވަހަކުން މަތިކުރުމުގެ މަސައްކަތް ކުރަން ޖެހެނީ. ޔުނިވާސިޓީގެ ޑީވީސީންގެ މަޤާމުތަކަށް ހޮވިވަޑައިގެންނެވި ބޭފުޅުންގެ ޤާބިލުކަމާއި، ތަޖުރިބާގެ ސަބަބުން ޔުނިވާސިޓީ އަށް ފައިދާ ކުރާނެ ކަމަށް އަޅުގަނޑު ޝައްކެއް ނުކުރަން." ޑރ. އިބްރާހީމް ޒަކަރިއްޔާ ވިދާޅުވިއެވެ.

އިސްލާމިކް ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރުން އެބޭފުޅުންގެ މަޤާމުތަކަށް އައްޔަންކޮށްފައިވަނީ މިއަދުން ފެށިގެން 04 އަހަރުގެ މުއްދަތަށެވެ.