މި ސަރުކާރުގެ އަމާޒަކީ އިސްލާމީ ޔުނިވަސިޓީއަކީ އިސްލާމް ދީނުގެ ޞައްޙަ އަޤީދާއާ އެއްގޮތަށް ދީނީ ޢިލްމު ފަތުރާ މި ސަރަޙައްދުގައި ހުރި އެންމެ ބޮޑު މަރުކަޒަށް ހެދުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަސިޓީގައި މިރޭ އެ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ޙަފުލާގެ ދެވަނަ ދަންފަޅި ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ އިސްލާމިކް ޔުނިވަސިޓީގެ ވަރުގަދަ ޢިލްމީ ހިޔަލުން ދަސްވެނިވާ ކޮންމެ ދަރިވަރަކީ، ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި، ދިވެހިންގެ އިސްލާމީ އެއްބަނޑުއެއްބަފާކަން ދެމެހެއްޓުމުގެ ވަރަށް މަތީ ޒިންމާއެއް ޙަވާލުވެފައިވާ ފަރުދެއް ކަމަށެވެ.

"މިއަދުގެ ސަރުކާރުގެ އަމާޒަކީ، އަޅުގަނޑުމެންގެ އަމާޒަކީ، މި ޔުނިވަރސިޓީއަކީ އިސްލާމްދީނުގެ ޞައްޙަ ޢަޤީދާއާ އެއްގޮތަށް ދީނީ ޢިލްމު ފަތުރައި، މި ސަރަޙައްދުގައި ހުރި އެންމެބޮޑު މަރުކަޒަށް ހެދުން. އެ އަމާޒަށް އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ކާމިޔާބު މިންވަރު ކުރައްވާށި." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަޅުގަނޑުމެން އެންމެން ވެސް ޤައުމުގެ ކުރިމަގާ މެދު ދެކޭ ހުވަފެންތަކެއް އަދި ކުރާ އުންމީދުތަކެއް ވެސް އެބަހުއްޓެވެ. އެއީ މުޅި ރާއްޖެ ތަރައްޤީ ކުރުން ކަމަށާއި މުޅި ރާއްޖެ ތަރައްޤީ ކުރެވޭނީ، ޒަމާނީ ޢިލްމުން ރައްޔިތުންގެ ސިކުނޑިތައް މުއްސަނދި ކުރެވިގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. "އެއީ، އެ އަތޮޅެއް އަދި އެ ރަށެއް މިހާރު އޮތް ޙާލަތަށް ރިޢާޔަތްކޮށް، މާދަމާ އޮންނަންވީ ގޮތް ކަނޑައެޅޭނީ، އެ ސަރަޙައްދެއްގެ ރައްޔިތުންނަށް މަތީ ތަޢުލީމުގެ ފުރުޞަތު ފަހިކޮށްދީގެން ކަމަށް އަޅުގަނޑުމެން އަބަދުވެސް ޤަބޫލުކުރަން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަޅުގަނޑުމެން އަބަދުވެސް ތިބެންޖެހޭނީ، ދުނިޔެއަށް އަންނަމުންދާ އަވަސް ބަދަލުތަކަށް ބަލަބަލައެވެ. ދުނިޔެއަށް އަވަސް ބޮޑެތި ބަދަލުތައް އެބަ އަންނަ ކަމަށާއި ރަނގަޅު ބަދަލާއި، ނުރަނގަޅު ބަދަލުވެސް އެބަ އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. "ދުނިޔެއަށް އަންނަ މިފަދަ ބަދަލުތަކަށް ރަނގަޅަށް ލޯ ހުޅުވި، އޭގެ ތެރެއިން މި ޤައުމަށް އެންމެ ފައިދާ ހުރި ކަންކަން ދެނެގަނެ، އެކަންކަމުގެ ބޭނުން ހިފުމަށް އަޅުގަނޑުމެން ތިބެންވާނީ ތައްޔާރަށް. އެ މިންވަރަށް ތައްޔާރުވެ ތިބެވޭނީ، ޒަމާނީ ޢިލްމު ހޯދައި، އަޅުގަނޑުމެންގެ ވިސްނުން ތަރައްޤީކޮށްގެން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޤައުމުގެ ތަރައްޤީއަށްޓަކައި ކުރެވޭނެ އެންމެ ބޮޑު އިންވެސްޓަކީ، ޤައުމުގެ ދަރިންނަށް ފެންވަރު ރަނގަޅު ތަޢުލީމު ދިނުމެވެ. މި އަހަރުގެ ބަޖެޓުން ވެސް ވަރަށް ބޮޑު ޕަރސެންޓެއް ތަޢުލީމީ ދާއިރާއަށް ކަނޑައަޅާފައި އޮންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. "އެއީ މުޅި ބަޖެޓުގެ ޖުމްލައިގެ 10.9 އިންސައްތަ، ނުވަތަ 4.6 ބިލިއަން ރުފިޔާ. އޭގެ ތެރެއިންވެސް 857 މިލިއަން ރުފިޔާ ޚާއްޞަކޮށްފައި ވާނީ، ޓަރޝަރީ އެޑިޔުކޭޝަން ނުވަތަ މަތީ ތަޢުލީމާއި ތަމްރީނު ދިނުމަށް. މިއީ ތަޢުލީމީ ދާއިރާއަށް ހޭދަކުރާ ފައިސާއަށް ވިޔަސް، ޙަޤީޤަތުގައި މިއީ ތަރައްޤީގެ ހުރިހާ ދާއިރާއަކަށް ކުރެވޭ ބޮޑު އިންވެސްޓެއް." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިސްލާމިކް ޔުނިވަސިޓީއަކީ ވެސް ވަރަށް މުހިންމު ދައުރެއް އަދާކުރާ މުއައްސަސާއެއް ކަމަށެވެ. "ޚާއްޞަ ގޮތެއްގައި އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި، ދިވެހި ޒުވާނުން ތަރުބިއްޔަތު ކުރުމުގައި، މި ޔުނިވަރސިޓީން އަންނަނީ ވަރަށް މުހިންމު ދައުރެއް އަދާކުރަމުން. އަދި އަޅުގަނޑުމެންގެ ތެރޭގައި ފެތުރިފައިވާ ހަރުކަށި ފިކުރާ ދެކޮޅަށް، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާ އެކު، މި ޔުނިވަސިޓީން ވަރަށް އެދެވޭ މަސައްކަތްތަކެއް ކުރަމުން އަންނަކަން އަޅުގަނޑު އުފަލާއެކު ފާހަގަކުރަން." ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ދޮގެއް

    ކޮންމެ ދޮގެއްވެސް ހަދަން ރެޑީގަ. ސެލްފީ ސީލިހު

  2. ކަކުނި

    ދީނީ އިލްމަށް ލޯބިކުރާތީވެދޯ ޔޯގާއައި ދެކޮޅަށް އަޑުއުފުލި މީހުން ޖަލައްލާ، މަގުފުރެދިފައިވާ ޖަމާއަތްތަކުން ހިންގާ "ދީނީ" ކޯސްތަކަށް ސްކޮލަޝިޕް ފުރުސަތު ހުޅުވާލާ، ލާދީނީ މީހުން މިނިވަންކޮށްފަ އެތިބީ؟

  3. 😡😡😡

    ލަދެއްނުގަނޭތަ. ލާދިއްނިއްޔަތާ ކުފުރާ ޝިރުކު ފަތުރާއިރު ހެވިފަ ލާދީނީ ބަޔަކު މަތިފަޑީގަ ބައިތިއްބައިގެން ތިހުރީ!!

  4. Anonymous

    ކޮތަޅޭ ދޮގުހެދިޔަސް ފުކެއް ބޮޑުވަރު ދެން މުއްލާ އިން ބާރައް އަތްޖަހާ

  5. Anonymous

    ދިވެހި ސަރުކާރުގެ ދެ ޔުނިވަރސިޓީއަކީ އަނިޔާވެރިކަމުން ފުރިފައިވާ ދެ ކިއްލާއެކެވެ. ފައިނަލް އެގްޒާމް ހަދަން އިންނައިރު ފީނުދައްކާ ކަމަށްބުނެ ދަރިވަރު ބޭރުކޮށްލައެވެ. ފީ ދައްކާފައި އޮތަސް މިހެން ހަދައެވެ. އެމްއެންޔޫ އަކީ ކިޔަވައިދޭއިރު ބިރުދައްކާ ތަނެކެވެ. އައިޔޫއެމް އަކީ ކިޔަވައިދޭ ވަގުތަށް ނުފެތޭ މާބޮޑެތި މޮޑިއުލްތައް ގެންގުޅޭ ތަނެކެވެ. ޒިކުރާ ކޮލެޖު ވެސް ތިދެތަނަށްވުރެ މާރަނގަޅެވެ.

    2
    1
  6. މޫސަބޭ

    ޔުނިވާރސިޓީއިން ކިޔެވޭނީ ހިތްވަރެއްވެސް ހުރެގެން.
    އަހަރެން ބޭނުއްވާގޮތަށް ޔުނިވާރސިޓީގެ މުގައްރަރު އޮންނަން ނުޖެހޭކަން ބުއްދިސަލާމަތުން ހުރި ކޮންމެ މީހަކުވެސް ގަބޫލުކުރާނެ.